ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ލޮލުގެ އާލާސްކަންފުޅަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، މިހާރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަޠާއުﷲ ތަރާރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައި މިވަނީ އިމްރާން ޚާންގެ ލޮލަށް ސީރިއަސް މައްސަލަތަކެއް ދިމާވެ، އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ ފެނުމަށް ދާއިމީ ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެ، އެމަނިކުފާނުގެ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އުމުރުން 73 އަހަރުގެ އިމްރާން ޚާން އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) އަށް ގެންދިޔައީ އެމަނިކުފާނު ބަންދުކޮށްފައި ހުންނެވި ރާވަލްޕިންޑީގެ އަދިއާލާ ޖަލުންނެވެ. އެމަނިކުފާނު ގެންދަވަނީ އަލްޤާދިރު ޓްރަސްޓް ކޮރަޕްޝަން މައްސަލައިގައި ކުށް ސާބިތުވެ އިއްވާފައިވާ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޖިއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ތަރާރު ވިދާޅުވީ، އަދިއާލާ ޖަލުގައި ހުންނަވަނިކޮށް ލޮލުގެ ހާއްސަ ޑޮކްޓަރުން އިމްރާން ޚާން ބެއްލެވުމަށްފަހު، އިތުރު ތަހުލީލުތަކާއި ފަރުވާއަށް ޕިމްސް ހޮސްޕިޓަލަށް ބަދަލުކުރުމަށް ލަފާދެއްވި ކަމަށެވެ.
ޑޮކްޓަރުންގެ އެ ލަފާގެ މަތިން އިމްރާން ޚާން ހޮސްޕިޓަލަށް ގެންދިޔައީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ހޮސްޕިޓަލުގައި އެމަނިކުފާނުގެ ލޯ އަލުން ޗެކްކޮށް، ބޭނުންވާ މެޑިކަލް ފަރުވާތައް ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...