ޔޫއޭއީގެ ދުބައިން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދިބާއީގެ މަތިންދާބޯޓެއްގެ ޕައިލަޓަކު، އަނެއް ޕައިލަޓަށް ވަޅިން ޙަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކުރުމާ ގުޅިގެން، އެ ބޯޓު ސަޢޫދީ ޢަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ޙާލަތުގައި ޖައްސައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު އާންމުކުރެއްވި ވިޑިއޯ މެސެޖެއްގައި ވިދާޅުވީ، ބޯޓު އިސްރާއީލާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، ކޮކްޕިޓްގައި ތިބި ދެ ޕައިލަޓުންގެ ތެރެއިން އެއް ޕައިލަޓަކު އަނެއް ޕައިލަޓަށް ވަޅިން ޙަމަލާދީ ބޯޓުގައި ތިބި އެންމެންނާއެކު ބޯޓު ވައްޓާލަން އުޅުނު ކަމަށެވެ. އަދި ބޯޓުން ދަތުރުކުރި ފަސިންޖަރުން ވަނީ ބޮޑު ކާރިސާއަކުން ބޯޓު ސަލާމަތްކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި ބޯއިންގ 737 މެކްސް 8 މަރުކާގެ މަތިންދާބޯޓެއްގައި ހިނގި މި ހާދިސާގައި، ފްލައިޓްރާޑާ24 ގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ބޯޓު ވަނީ ކުއްލިއަކަށް 14،000 ފޫޓަށްވުރެ ތިރިއަށް ވެއްޓިފައެވެ. އެގޮތުން 34،000 ފޫޓުގެ އުސްމިނުގައި ދަތުރުކުރަމުންދަނިކޮށް އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި 17،000 ފޫޓަށް ބޯޓުގެ އުސްމިން ތިރިވެގެން ދިޔައެވެ. ބޯޓު ނުރައްކަލުގެ ތެރޭގައި އޮތްކަން އެންގުމަށް ދެ އިމަޖެންސީ ސިގްނަލެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އެކަކީ ބޯޓަށް ޣައިރުޤާނޫނީ ގޮތުން ނުފޫޒު ފޯރުވަން އުޅޭކަން އަންގައިދޭ ސިގްނަލެކެވެ.
ބޯޓުން ދަތުރުކުރި ފަސިންޖަރުން ބުނެފައިވަނީ ބޯޓުގެ ކުރީކޮޅުން އަޑުގަދަވެ، ދެ ޕައިލަޓުންގެ މެދުގައި ހަނގުރާމައެއް ހިނގި އަޑު އިވުނު ކަމަށެވެ. އަދި އެއަށްފަހު ބޯޓު ވަރަށް ނުރައްކާތެރިކޮށް ތިރިއަށް މިސްރާބުޖެހި ކަމަށް ފަސިންޖަރުން ކިޔައިދީފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ދެ ޕައިލަޓުންނަށް ސަޢޫދީގެ ތަބޫކް އެއާޕޯޓަށް ބޯޓު ޖެއްސުމަށްފަހު ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ތައްޔާރުވެފައެވެ. އަދި ބޯޓުގައި ތިބި އެހެން އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވެ ސަލާމަތްވެފައިވާއިރު، ފްލައިދިބާއީގެ އެހެން ބޯޓެއްގައި އެ އެންމެން ވަނީ ތެލް އަވީވުގެ ބެން ގޫރިއަން އެއާޕޯޓަށް ގެންގޮސްދީފައެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔާއިރު ލިޕިޑް ވަނީ ސަރުކާރުން މިކަން ސިޔާސީ ކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، ނަތަންޔާހޫގެ އޮފީހުން ވަނީ އިސްރާއީލަށް ދަތުރުކުރާ އެއާލައިންތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އަމުރުކޮށްފައެވެ.
އޭވިއޭޝަން ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށްފަހު، ޓެރަރިސްޓް ޙަމަލާތަކަށްވުރެ ބޮޑަށް މަތިންދާބޯޓުތަކުގެ ކޮކްޕިޓްގައި ތިބޭ ޕައިލަޓުންގެ ސަބަބުން ދިމާވާ ނުރައްކާތަކުގައި ގެއްލޭ ފުރާނައިގެ އަދަދު ވަނީ އިތުރުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...