ނަރަވެލިރިޕޯޓް

ބައިނަލް އަޤްވާމީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު …..

ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ފަސްވަނަދުވަހެވެ. ޓީޗަރުންނަކީ ޤައުމުގެ އެހެނިހެން ޚިދުމަތްތެރިންނާއި އަޅާކިޔާއިރު ވަރަށް ތަފާތު މަސައްކަތެއްގައި ދެމިތިބި ބައެކެވެ. އެމީހުންގެ މަސައްކަތް ގުޅިފައިނުވާ އެއްވެސް ދާއިރާއެއް ޤައުމުގައި ނުވާނެއެވެ. އެމީހުންނަކީ ގައުމުގެ މުސްތަގުބަލު ބިނާކުރަމުންދާ މުވާތިނުންނެވެ. މިއަދު މަދުރަސާތަކުގައި ތިބި މާދަމާ މި ޤައުމުގެ ހުންގާނުގައި ތިބޭނެ ހަރުދަނާ ލީޑަރުން އުފައްދާން ތިބި އަމާނާތް ތެރިންނަކީ ޓީޗަރުންނެވެ. އާއެކެވެ. އަދުގެ ކިޔަވާކުދިންގެ ތައުލީމާ ތަރުބިއްޔަތު ބައްޓަންކޮށް ޤައުމަށް ބޭނުންތެރި ޚިދުމަތްތެރިންނަށް އެކުދިން ހެދުމުގެ ޒިންމާ އުފުލަމުން ދަނީ މުދައްރިސުންނެވެ.

ޓީޗަރުންގެ ދުވަހަކީ ޓީޗަރުންގެ އަގުބޮޑު މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރަމުންދާ ދުވަހަކަށްވާއިރު އެމީހުންނަކީ ކޮންމެ ދުވަހަކު ފަސް ގަޑިއިރު ނޫނީ ހަތްވަރަކަށް ގަޑީއިރު ދަރިވަރުންނާއެކު ވަގުތު ހޭދަކުރަމުންދާ ބައެއްކަން ހަނދާނަށް ގެންނަން ޖެހެއެވެ. އެވަގުތުތައް ހޭދަކުރަނީ އެމީހުންނަށް އެނގިފައި ހުންނަ އެއްޗެއް އެހެން ބަޔަކަށް އުނގަންނައިދިނުމަށެވެ. އެހެންކަމުން ގައުމުގެ މުސްތަގުބަލު ބިނާކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން އެމަސައްކަތުގައި ރެޔާއި ދުވާލު މަސައްކަތްކުރާ މުދައްރިސުންނަށް އިހްތިރާމުކޮށް، ކަމޭހިތުމަކީ ކޮންމެ ކިޔަވާކުއްޖަކުވެސް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެއީ ވަކި މިއަދު އެކަނި ކުރަންޖެހޭނެކަމެއް ކަމަށް ނުދެކޭށެވެ.

ޓީޗަރުންނަކީ އަމިއްލަ މަސްލަހަތާއި އުފާތައް އެއްފަރާތްކޮށް، އެމީހުންނާ ގުޅުމެއްވެސް އެހެން ބަޔަކަށް އުނގަންނައިދީ، ރަނަގޅު ތައުލީމެއްދީ ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ގައުމީ މަސައްކަތެއް ކުރާ ބައެކެވެ. އެއީ ޤައުމީ ޖިހާދެކެވެ. އެވަނީ ދިވެހި ޤައުމަށާއި، އަންނާން އޮތް ޖީލަށްޓަކައި ވަރަށް މަތިވެރި ޤުރުބާނީ އެކެވެ. އެހެންކަމުން ޓީޗަރުން ކޮށްދޭ މަސައްކަތް ބަލައިގަނެ އެމީހުންނަށް ޝުކުރު އަދާކުރުމަކީ ކޮންމެ ކިޔަވާކުއްޖެއްގެވެސް ވާޖިބެކެވެ. އާއެކެވެ. ޓީޗަރުންގެ ދުވަހު ދިއްކޮށްލެވޭ ހަދިޔާއަކުން އެކަނި ޓީޗަރުން ކޮށްދޭ މަސައްކަތް ފާހަގަކޮށް އެ މަސައްކަތް ބަލައިގަނެވުނީ ކަމުގައި ނުވާނެވެ.

ހަމަޔަޤީނުންވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ހުރި ކޮންމެ ރަނގަޅުކަމެއްގައި ޓީޗަރުންގެ ހިއްސާއެއް އޮންނާނެއެވެ. ސްކޫލުގެ ނޫނީ ކިޔަވައިދެއްވާ ކްލާހުގެ ހަތަރުފާރުގެ އެތެރޭގެ އިތުރުން މުޖުތަމައުގެ ތެރެއިންވެސް ފެންނަމުންދާނީ ޓީޗަރުންގެ މަސައްކަތެވެ. އެ ބޭފުޅުންގެ ހިތްވަރެވެ. އެބޭފުޅުންގެ އަގުނުކުރެވޭފަދަ ޒިންމާދާރު މަސައްކަތްތަކުގެ ނަތީޖާއެކެވެ. އެބޭފުޅުންގެ އެދެއްކެވި ރޯލްމޮޑެލްގެ ނަމޫނާ ބަލައިގެން އެނަމޫނާ ލިބިގެން ތަމްރީނުވެފައި ތިބި ހަރުދަނާ ރަނގަޅު ކުދިންނެވެ. ޒުވާނުންނެވެ. ބޮޑެތި މީހުންނެވެ. އިސްރަށްވެހިންނެވެ. އެއީ އިއްޔެއަކު މިއަދު ވީކަމެއް ނޫނެވެ. މީގެ އެތައް ސަތޭކައަހަރު ކުރިންވެސް ޓީޗަރުން އެމީހުންގެ ޒިންމާތައް ގެންދެވީ އަދާކުރައްވަމުންނެވެ. އޭރު ތިއްބެވީ އެދުރުންނެވެ. މިއަދު ގެ އެނަން މިވަނީ ޓީޗަރުންނަށް ބަދަލުވެފައެވެ.

ކޮންމެ ޓީޗަރުންގެ ދުވަހަކީ ޓީޗަރުންނަށް ޝުކުރާއި، ލޯތްބާއި ހަމްދަރުދީގެ ފޮނި ފަށުވި ޢިބާރާތްތަކުގެ މެސެޖްތައް އެކިއެކި ދިމަދިމާއިން ލިބެމުންދާ ދުވަހެކެވެ. ޓީޗަރުންގެ ލޯތައް އުފަލުން ރޮއްވާލައެވެ. އެ ޖަޒްބާތީ ލަފުޒުތަކުން އުފާކޮށްލައެވެ. އަދި ޓީޗަރުންގެ ދުވަހާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން އެތައް ހަދިޔާ އަކާއި ހެޔޮއެދުމުގެ ބަސްތައް ލިބެއެވެ. ނަމަވެސް ހިތާމައަކީ ދެވަނަ މައިންބަފައިންގެ ޒިންމާ އަދާކުރާ ޓީޗަރުންގެ މަސައްކަތުގެ އަގު އެދުވަހަށްފަހު ވަޒަން ކުރެވެމުން ނުދާކަމެވެ. މުޖުތަމަޢުގައި އެފަދަބަޔަކަށް ދޭންވާ ޙައްޤު މަޤާމު ދެވެމުން ނުދާކަމެވެ. އެންމެ ކުޑަމިނުން އެމީހުން އެކުރާ ބުރަމަސައްކަތާއި އެކަށީގެންވާ އުޖޫރަވެސް ލިބެމުން ނުދާކަމެވެ.

ބައިނަލް އަޤުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާ މިއަދު ފާހަގަކުރަމުންދާއިރު އެންމެހައި މުދައްރިސުންގެ ފަރާތުން އެދެނީ މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤުވާ ގަދަރާއި، ޢިޒަތާއި، ޝަރަފް ކަށަވަރު ކޮށްދިނުމާއެކު ހައްޤުވާ އުޖޫރަ ހަމައަށް ފޯރުކޮށްދިނުމަށެވެ. އެކަމުގައި ޒިންމާވާންޖެހޭ ކަމާބެހޭ މުއައްސަސާތައް އެކަމަށް ހޭލައި ފަރުވާތެރިވުމަށެވެ. ޓީޗަރުންނަކީ ޤައުމުގެ އެހެނިހެން ޚިދުމަތްތެރިންނަށްވުރެ މާ ޒިންމާދާރު ބަޔަކު ކަމުގައި ބަލައިދިނުމަށެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close