ޚަބަރު

20 އަހަރަށް ޖަލަށް، 2 މިލިއަން ރުފިޔާ އިން ޖޫރިމަނާ، އަދީބަށް ޙުކުމްކޮށްފި

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޙުކުމް އިއްވައިފިއެވެ.

އަދީބުގެ މައްޗަށް ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޙުކުންކޮށްފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބުރައީސްގެ މައްޗަށް ދައުލަތުން ކުރި 7 ދަޢުވާ ސާބިތުވެ އޭނާގެމައްޗަށް ޙުކުމް އިއްވާފައިވަނީ ވަކިވަކިންނެވެ.

އަދީބުގެ މައްޗަށް އިއްވި ހުކުމްތައް

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ – 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ – 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ – 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރީމަނާ

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ – 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރިމަނާ

މަޤާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ – 1 މަހާއި 15 ދުވަހަށް ޖަލަށް

މަގާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ – 6 މަސްދުވަހަށް ޖަލަށް

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ – 3 މަސްދުވަހަށް ޖަލަށް

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ވިދާޅުވެ އަދީބުވަނީ ޝަރީޢަތުގެ މަޖިލީހުގައި ކުށަށް ޢިއުތިރާފްވެވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށްވެސް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. މިމައްސަލަތަކުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައްވެސް ވިދާޅުވެދެއްވާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ.

އަދީބު ވިދާޅުވީ ކުރީ ސަރުކާރުން މި މައްސަލަ ބެލުމުގެ ބަދަލުގައި މަސައްކަތް ކުރީ އަދީބާއި ދެތިން މީހެއްގެ ބޮލުގައި މައްސަލަ އަޅުވާ ނިންމާލުމަށެވެ. އަދި ގެއްލުނު ފައިސާ ހޯދުމަށްވެސް ރައީސް ޔާމީންގެ ސަރުކާރުން ބޭނުންނުވާކަމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ.

އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށާއި، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤްޞާދު ބަދަލުކޮށްގެންކަމަށާއި، އެގޮތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޯށް ރަށްތައް ދިނުންކަމަށެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިމައްސަލަތަކުގައި އަދީބަށް ޙުކުމް އިއްވާފައިވަނީ އަދީބާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބެސްވުމުގެ ދަށުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close