ރައީސް ޔާމީންގެ ޖަލުހުކުމް ފަސްކުރެވޭކަށް ނެތް އެކަމަކު ޖޫރިމަނާ ފަސްކުރެވިދާނެ – ސްޕްރީމްކޯޓް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކުރެވިދާނެކަމަށާއި، އެކަމަކު ޖަލުހުކުމް ފަސްކުރެވެން ނެތްކަމަށް ސްޕްރީމް ކޯޓުން މިއަދުބުނެފިއެވެ. ކ
ރައީސް ޔާމިން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޮށްފައިވާ ހުކުމް ތަންފިޒްކުރުން ފަސްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ މައްސަލާގައި މިއަދުގެ ޝަރީއަތުގައި ރިޔާސަތުގައި އިންނެވި މަހާޒް އަލީ ޒާހިރު ވަނީ ޖަލު ހުކުމް ފަސްކުރެވެން ނެތްކަމަށް ޢަމުރުކުރައްވާފައެވެ. އަދި އެ ރައުޔަށް ދެންތިއްބެވި ދެ ފަނޑިޔާރުންވެސް ތާޢީދުކުރެއްވިއެވެ.
ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރުމަނާ ފައިސާ ދެއްކުން ފަސްކުރުމަށް ޢަމުރުކުރެއްވިއެވެ. އަދި އެ ފައިސާ ހޯދުމުގެ މައްސަލަ އެއްވެސް ކޯޓަކުން ކުރިއަށް ނުގެންދިއުމަށާއި، އެއްވެސް އިދާރާއަކުންވެސް އެފައިސާ ހޯދުމުގެ މަސައްކަތް ނުކުރުމަށްވެސް ޢަމުރުކުރެއްވިއެވެ.
ޖޫރިމަނާ ފައިސާ ހޯދުމަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގައި ޝަރީއަތް ހިންގާ ގޮތެއް ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުން ބަލަމުން މިދާ މައްސަލައިގައި އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ ޖޫރިމަނާ ފައިސާ ހޯދުމަށް ކޯޓަކަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމަށާ، މިނޫން ވެސް މި ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި މޯލްޑިވްސް އިންލެންޑް އޮތޯރިޓީއިން ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް އަމަލެއް ނުކުރުމަށް ސުޕްރީމް ކޯޓުގައި ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުއީ ކޯޓުތަކަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށާއި ދައުލަތުގެ އެންމެހާ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ އަމުރުކުރަން…
– ސްޕްރީމް ކޯޓްގެ ހުކުމްގައި ބުނެފައިވެއެވެ.
ރައީސް ޔާމީން ޖޫރިމަނާ ފައިސާ ނުދައްކައިގެން ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މާދަމާ ފެށުމަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން އެ މައްސަލަ ދެން ކުރިއަކަށް ނުގެންދެވޭނެއެވެ.

