ޚަބަރު

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން، ގާނޫނުއަސާސީގެ އެ އިސްލާހު ބާތިލްކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. އޭނާގެ ދައުވާގައި ބުނެފައިވަނީ، މިއީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އަދި މެންބަރުންގެ މިނިވަންކަމަށް ހުރަސްއެޅޭ އިސްލާހެއް ކަމަށެވެ. ޚާއްސަކޮށް ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ މި އިސްލާހު ފުށުއަރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބެލި މި މައްސަލާގައި މިއަދު އިއްވި ހުކުމުގައި، ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އެ އިސްލާހު ބާތިލްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ހަތް ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިގޮތަށް ނިންމެވިއިރު، ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެކަންޏެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިއްވެވި އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ. އަދި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ޑިމޮކްރަޓިކް ނިޒާމުތަކުގައި ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށާއި، އެއީ ގާނޫނުއަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން، މި އިސްލާހު ގެނައުމުގައި ގާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް މި އުސޫލު ހިނގާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ދައުލަތުން މި މައްސަލާގައި އިޖުރާއީ ނުކުތާއެއް ނަގައި، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ކޯޓަށް ބަލައިގަނެވިދާނެ ކަމާ މެދު ސުވާލު އުފެއްދި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ ގާނޫނުއަސާސީގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން، އެފަދަ އިސްލާހުތައް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.

މި މައްސަލާގައި ވަކިން ރައުޔު ދެއްވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވީ، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ނަމަ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ވެސް ގާނޫނުއަސާސީގެ ބައެއް ކަމަށެވެ. ނަމަވެސް، ފަނޑިޔާރު ޝުޖޫންގެ ރައުޔަކީ މެންބަރުން ހޮވަނީ މީހާއަށް ބަލައިގެން ކަމަށްވާތީ، ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް މެންބަރުންނަށް ހުރަސްއެޅިދާނެ ކަމަށެވެ.

މި ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުމަށް ވަނީ ގާނޫނީ ފުރިހަމަ ސައްހަކަން ލިބިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close