ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 53 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ބިމާއި މުދާ އެހެން ފަރާތްތަކަށް ދޫކުރަންވާނީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް، ރަސްމާލެއިން ހިއްކާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް، އެއްވެސް އިކުއިޒިޝަން ފީއެއް ނުވަތަ ކުއްޔެއް ނުނަގައި، 99 އަހަރުގެ މުއްދަތަށް އެ ކުންފުންޏަށް ދޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށް ދިޔަ ޚަރަދު އަނބުރާ ދައުލަތަށް ނުލިބޭ ގޮތަށް އޮތުމާއި، އެ ބިމުގައި ހަދާ ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ފުރިހަމަ ބާރު އެ ކުންފުންޏަށް ދީފައިވާތީ މީކާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލާ ގުޅޭ މިފަދަ ބިޔަ މަޝްރޫޢެއްގެ އެއްބަސްވުން ރައްޔިތުންނަށް ސިއްރުކޮށްފައި ބޭއްވުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...