ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް، އެންމެކުރީގައި ޗައިނާ މާކެޓް

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 923,984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ މި ހިސާބުތަކުގައި، އާންމު ފަތުރުވެރިންގެ އިތުރުން ވިޔަފާރި ބޭނުންތަކަށް އައި 6,259 މީހުންނާއި ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި 13,808 ފަތުރުވެރިން ވެސް ހިމެނެއެވެ.
ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު ވަނީ 4.0 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރު ދުވާލަކު އެވްރެޖްކޮށް 6,546 ފަތުރުވެރިން އައި ނަމަވެސް، މި އަހަރު އެ އަދަދު ހުރީ 6,286 ގައެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވާއިރު، ގަން، މާފަރު އަދި ހަނިމާދޫ ފަދަ ސަރަހައްދީ ބައިނަލްއަގުވާމީ އެއާޕޯޓުތަކުން ވެސް ފާހަގަކޮށްލެވޭ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ގައުމުތަކުގެ ތަރުތީބަށް ބަލާއިރު، 141,339 ފަތުރުވެރިންނާއެކު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، އިނގިރޭސިވިލާތާއި އިންޑިއާއަކީ ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކެވެ. މި ވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 179 ރިސޯޓާއި، 918 ގެސްޓްހައުސްގެ އިތުރުން ގިނަ އަދަދެއްގެ ހޮޓާ އަދި ސަފާރީތަކުން އަންނަނީ ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ.


