ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ އަސްކަރީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޙަރަކާތުގައި، ޤައުމުގެ ސިޔާދަތާއި ސަލާމަތް ރައްކާތެރިކުރުމަށްޓަކައި އެމްއެންޑީއެފްގެ އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކާއި އަސްކަރީ ޤާބިލުކަން ވަނީ ދައްކާލާފައެވެ. އެގޮތުން ސިފައިންގެ އެކި ބަހާތަކުގައި ބޭނުންކުރާ ޚާއްޞަ ޔުނިފޯމުތަކާއި، އަސްކަރީ އުޅަނދުތައް ހިމެނޭހެން އޮޕަރޭޝަންތައް ކުރިއަށްގެންދާ ގޮތްތައް އާންމުންނަށް ދައްކާލިއެވެ.
މީގެ އިތުރުން، މި ހުށަހެޅުމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ޓެރަރިސްޓް ނުރައްކަލެއް ކުރިމަތިވެދާނެ ޙާލަތެއްގައި، ދިވެހި އަސްކަރިއްޔާއިން އެފަދަ ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ހިންގާނެ ޚާއްޞަ ކައުންޓަރ-ޓެރަރިޒަމް އޮޕަރޭޝަނެއް ވަގުތުން ދައްކާލުމެވެ. މަންޒަރު ބަލަން ގިނަ އަދަދެއްގެ ޢާއިލާތަކާއި ކުޑަކުދިން ޖުމްހޫރީ މައިދާނަށް ޖަމާވެފައިވެއެވެ.
ނަޞްރުގެ ދުވަސް ރާއްޖޭގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިންނާއި ދިވެހިންގެ މަދު ޚާއިނުންތަކެއް ގުޅިގެން މާލެއަށް ދިން ކުއްލި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށް، ދިވެހި އަސްކަރިއްޔާއިން ޤައުމަށް ހޯދައިދިން ފަޚުރުވެރި ކާމިޔާބީގެ ޒިކުރާ އައުކުރުމަށެވެ.
މި ހިތާމަވެރި ހާދިސާގައި ޤައުމުގެ ދިފާޢުގައި ޖިހާދުކޮށް، ދިވެހި އަސްކަރިއްޔާގެ 8 ބޭކަލަކާއި ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ މި ފަސްގަނޑަށް ޝަހީދުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...