ދިވެހިރާއްޖޭގެ އިސްލާމީ އަގީދާއާއި ގައުމީ މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ނިންމެވުމެއް ނުނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، ގައުމުގެ ސިޔާދަތާއި އިސްތިގުލާލުގެ ރަތްރޮނގު ފަހަނައަޅައި ނުދާނެހެން، ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ގައުމުގެ ސަލާމަތީ އަދި ހާރިޖީ އިމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދައްކުވައިދީ، އިގުތިސާދީ މިނިވަންކަން ހޯދުމަށްޓަކައި "ގައުމީ ފިކުރު" އިސްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ތަހުޒީބު އަދި ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި ފަރުދީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ތަރައްގީ އެއްހަމައެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކޮންމެ ސިޔާސަތަކާއި ނިންމުމެއްވެސް ބައްޓަންކުރާނީ މި އަމާޒަށް ވާސިލުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީހުން އިބުރަތް ހާސިލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިޒަމާނުގައި މިނިވަންކަން ދިފާއުކުރުމަށްޓަކައި ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ސިޔާސީ ޖަޒުބާތުތައް އެއްކިބާކޮށް، ގައުމީ އިހުލާސްތެރިކަން ކުރިއަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހައި ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...