އަސާސީ ޙައްޤުތަކުން މަހުރޫމް ކުރިކަމަށްބުނެ، ބިލިއަނަރު ޖެފް ބެޒޯސްގެ ކުރީގެ ހައުސްކީޕަރަކު ދައުވާކޮށްފި
އަސާސީ ޙައްޤުތަކުން މަހުރޫމް ކުރިކަމަށްބުނެ އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ ކުރީގެ ހައުސްކީޕަރަކު ޖެފް އާއި ދެކޮޅަށް ދައުވާކޮށްފިއެވެ.
ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓްގެ ދެވަނައިގައި މިހާރުވެސް ހުރި، އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ ކުރީގެ ހައުސްކީޕަރަކު ތުހުމަތުކުރާ ގޮތުގައި އޭނާ އާއި އެހެން މުވައްޒަފުން ތަކެއް ޖެފްގެ ގޭގައި މަސައްކަތް ކުރަން ޖެހުނީ ރައްކާތެރި ނޫން އަދި ސާފުތާހިރު ނޫން ހާލަތްތަކެއްގަ އެވެ.
ބިލިއަނަރު ޖެފްގެ ކުރީގެ ހައުސްކީޕަރު މާސެޑެސް ވެޑާ ތުހުމަތު ކުރި ގޮތުގައި އެމެޒޯން މޮގަލް ރަށުގައި ހުރިއިރު އޭނާ އާއި އެހެން މުވައްޒަފުންނަށް ބެޒޯސްގެ ސީއެޓްއެލް ސަރަހައްދުގެ ގެކޮޅުގައި ފަސޭހައިން ފާޚާނާއަށް ވަދެވޭނެ ގޮތެއްވެސް ނުހުރެއެވެ.
“ބެޒޯސް އާއިލާ ގޭގައި ތިބިއިރު، ގޭތެރެ ބެލެހެއްޓުންތެރިންނަށް ގެއަށް ވަނުމުގެ ހުއްދައެއް ނޯވެ، ސާފުކުރުމުގެ މަސައްކަތެއް ކުރަން ނޫނީ،” އަންގާރަ ދުވަހު ވޮޝިންޓަން ސްޓޭޓްގެ ކޯޓަށް ހުށަހެޅި ދައުވާގައިވެ އެވެ.
“ގާތްގަނޑަކަށް 18 މަސް ދުވަހު ފާޚާނާއެއް ބޭނުން ކުރުމަށްޓަކައި މަޖުބޫރުވީ ދޮންނަ ކޮޓަރީގެ ކުޑަދޮރުން ބޭރަށް އަރައިގެން ދެން މެކޭނިކަލް ރޫމަށް ދާ މަގުން ގޮސް، މެކޭނިކަލް ރޫމް ތެރެއިން ތިރިއަށް ގޮސް ފާޚާނާއަކަށް ދާން،” ވެދާގެ ދައުވާގައި އިތުރަށް ބުނެއެވެ.
ވެޑާ މަސައްކަތް ކުރީ 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ބެޒޯސްގެ ގޭގައި ކަމަށާއި އެންމެ ފަހުން ލީޑް ހައުސްކީޕަރަކަށް ޕްރޮމޯޓްވެ ބެޒޯސް އާއި އޭނާގެ ލޯބިވެރިޔާ ލޯރެން ސަންޗޭޒްގެ އޯޑަރު ނަގާފައިވާ ކަމަށް ދައުވާގައިވެ އެވެ.
ބެޒޯސް އާއިލާ “ރެސިޑެންސްގައި” އުޅުނު އިރު، ވެޑާ އާއި އެހެން ގޭތެރެ ބެލެހެއްޓުންތެރިން ގިނަ ފަހަރަށް ގާނޫނީ ގޮތުން ލާޒިމުކުރާ އަރާމު ނުވަތަ ކެއުމުގެ ބްރޭކެއް ނެތި 10 ގަޑިއިރާއި 14 ގަޑިއިރާއި ދެމެދުގެ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަން ޖެހުނު ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެ ދައުވާގައި ވެޑާ ވަނީ ބެޒޯސްގެ ގޭގައި އޭނާއަށް ލިބިފައިވާ ކަމަށް ބުނާ ތަޖުރިބާ އާއި މައިކްރޮސޮފްޓްގެ ކޯ ފައުންޑަރު މަރުހޫމް ޕޯލް އެލެން އަށް މަސައްކަތް ކުރި ދުވަސްވަރު ތަފާތުކޮށްފަ އެވެ. އޭނާ ބުނީ އެލެން ގަވާއިދުން އަރާމުކުރުމާއި މެންދުރުގެ ކެއުމަށް ބްރޭކްތައް ފޯރުކޮށްދިނީ ހާއްސަ ސްޓާފް ކުއާޓަރުތަކެއްގެ އިތުރުން ފަސޭހައިން ވަދެވޭނެ ފާޚާނާތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.
“މިސްޓަރ. އެލެން ވަނީ ގޭގެ ބެލެހެއްޓުންތެރިންނާއި އެހެން މުވައްޒަފުންނަށް ވެސް ކާބޯތަކެތި ފޯރުކޮށްދީފައި،” ދައުވާގައި އިތުރަށް ބުނެފައިވެ އެވެ.
ބެޒޯސްގެ ވަކީލެއް ކަމަށްވާ ހެރީ ކޮރެލް ދަ ޕޯސްޓަށް ފޮނުވި އީމެއިލްއެއްގައި ލިޔެފައިވަނީ “އަހަރެމެން އެ ދައުވާތައް ތަހުގީގުކޮށްފައިވާއިރު، އެ ދައުވާތަކުގައި އެއްވެސް ހަޤީޤތެއް ނެތް” ވަކީލުގެ މެއިލްގައި ވެއެވެ.
“މިސް. ވެޑާ އަކީ އަހަރަކު ހަ ފަހަރަށްވުރެ ގިނަފަހަރު ޗުއްޓީނަގާ، ލީޑް ހައުސްކީޕަރުގެ މަގާމު އަދާކުރި މީހެއް،” ކޮރެލް އިތުރަށް ބުންޏެވެ. “އޭނާ އަމިއްލައަށް ބްރޭކާއި ކެއުމުގެ ވަގުތުތައް ބެލެހެއްޓި، އަދި އޭނާ އާއި އެހެން މުވައްޒަފުންނަށް ވެސް ގިނަ ފާޚާނާތަކާއި ބްރޭކްރޫމްތައް ލިބެން ހުއްޓެވެ. ހެކިތަކުން އެނގޭ ގޮތުގައި މިސް ވެޑާ ވަޒީފާއިން ވަކިކުރީ ޕާފޯމަންސް ސަބަބުތަކާހުރެ އެވެ. ފުރަތަމަ 9 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ހޯދަން އޭނާ ޑިމާންޑް ކުރި އިރު، ކުންފުނިން ދެކޮޅު ހެދުމުން މި ދައުވާ ކުރަން ނިންމީ.” ވަކީލު ބުންޏެވެ.

