ޚަބަރު

ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަގެ އަބުރަށް އަރައިގަތުން އެއް ގޮތަކަށްވެސް ބަލައި ނުގަނެވޭނެ: ނަޝީދު

ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއް ގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީގެ 34 އަހަރު ކުރިން ނޮވެމްބަރު ތިނެއް، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފުވުމުން ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ދިފާއުގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއް ގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމަށެވެ.

“އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް،” ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފުވުމުން ސިއްކަ އަހުމަދު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެވެ.

ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ މީހުންނާއި ގުޅިގެން ރާޢްޖޭގެ އިސްލާމީ ވެރިކަމާއި މިނިވަންކަމަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރި ކުށްތަކުގެ މައުލޫމާތު ލިބިހުރެ އެކަން ސިއްރު ކުރުމުގެ ކުށް ސިއްކަ އަހުމަދުގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކުރީ އޮގަސްޓް 12، 1989ގަ އެވެ.

ދިވެހިންގެ ބަޔަކާއި ބޭރުގެ ހަނގުރާމަވެރި ޖަމާއަތަކުން ނޮވެމްބަރު ތިނެއް، 1988 ވަނަ ދުވަހު ދިން އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close