ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯމު ފުރުމަށް “މައި ޕޯޓަލް” ހުޅުވާލައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް، ފޯމު ފުރައި ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިއަދު ޕޯޓަލް ހުޅުވާލައިފިއެވެ.
އީސީގެ ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލީ، ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފިޒިކަލް ފޯމު ހުށަހަޅަން އުޅުމުގެ ތަކުލީފު ކުޑަކޮށް، ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެކަށޭނެ ވަގުތު ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
އީސީން ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ‘މައި ޕޯޓަލް’ އަށް ލޮގިންވާނީ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލާ ފަރާތްތައް ‘ސިމެދަ’ ޕޯޓަލް މެދުވެރިކޮށް ޕާޓީން އެންޑޯޒްކުރަން ޖެހޭއިރު، އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދަންޖެހޭކަމަށް އީސީން ވިދާޅުވިއެވެ. މި ތާއީދު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށް ފޮނުވޭ އެސް.އެމް.އެސް އަކަށް، ތާއީދުކުރާ މީހާގެ އަމިއްލަ އީފާސް މެދުވެރިކޮށް އިޢުތިރާޒެއް ނެތްކަން ކަށަވަރުކޮށްދީގެންކަމަށް އީސީން ވިދާޅުވިއެވެ.
އީސީން ވިދާޅުވިގޮތުގައި މިހާރު ޕޯޓަލް ހުޅުވާލުމުން މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކޮށް އަދި އިދާރީ ފީވެސް ދެއްކޭނެއެވެ. ނަމަވެސް، ރަސްމީކޮށް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ކުރިން ފޯމު ސަބްމިޓެއް ނުކުރެވޭނެކަމަށް ވެސް އީސީން ވިދާޅުވިއެވެ.
މި ބަދަލާއެކު ގާތްގަނޑަކަށް 4000 އެއްހާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް އެއް ތަނަކަށް ޖަމާވާންޖެހޭ ޖެހުން ނިމުމަކަށް އައިސް، އިދާރީ ގޮތުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

