ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސްއަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްފި

އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޖޮބް ސެންޓަރުން ބުނެފައިވަނީ މުއްދަތު އިތުރުކުރީ އެކަމަށް ގިނަބަޔަކު އެދެމުންދ ދާތީ ކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.

އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައެޅުމުގެ މުއްދަތު މިމަހުގެ 30ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޖުލައިމަހުގެ އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅުމުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 59.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 14105 މީހުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ވަނީ ހުށައަޅާފައެވެ. މީގެތެރެއިން 6388 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ. މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close