ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ށ. ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި ކަމާއި ގުޅިގެން 30 ޑިސެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށް ކަމަށެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތްތަކުން ނަން-ރިފަންޑަބަލް ފީއެއްގެ ގޮތުގައި 500 (ފަސްސަތޭކަ ރުފިޔާ) ގެ ދައްކަން ޖެހޭއިރު، ބީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން 09 ޖަނަވަރީ 2022 ގެ ނިޔަލަށް ނަން ނޯޓް ކުރުމުގެ ކަންކަން ފުރިހަމަ ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމަށް އެދި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުން 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ށް އެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ށް އެ އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމަށާއި، އަންދާސީ ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން އެ އިދާރާއަށް ހުށަހެޅަން ޖެހޭނެ ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައި ކަމަށާއި އަދި އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] މި މެއިލް އެޑްރެހަށް މެއިލް ކުރަށްވަމުން ގެންދިޔުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.