ރޭ ކުރި ވިއްސާރައިގައި ފޯކައިދޫގައި ފެންބޮޑުވެއްޖެ
ރެއާއި މިއަދު ކުރި ވިއްސާރައިގައި ށ. ފޯކައިދޫއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް ގެތަކުގައި ފެންބޮޑުވެއްޖެއެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭ ދަންވަރު 12:00 އިން ފެށިގެން ފަތިސް ވަގުތާއި ހަމައަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގެ އެންމެ އުތުރުގެ ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
އާސިފް ވިދާޅުވީ، ފެންބޮޑުވެ ފެންވަދެފައިވަނީ ހަ ގެއަކަށް ކަމަށެވެ. އެ ގެތަކުގައި ބޭނުންވާ ބައެއް ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“އެ ސަރަހައްދަކީ ރަށުގެ އެންމެ އަޑި ސަރަހައްދު. އެހެންވީމަ ބޯކޮށް ވާރޭވެހިއްޖިއްޔާ އެ ސަރަހައްދުގައި ފެންބޮޑުވޭ. ރޭގެ ވާރޭގައި ވެސް އެ ސަރަހައްދުގެ ހަ ގެއަކަށް ފެންވަދެ ފެންބޮޑުވެފައި މި ވަނީ.” އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ، ރަށުގެ ކައުންސިލާއި ފުލުހުންނާއި ގުޅިގެން ގެތަކުން މިހާރު ފެންހިއްކާފައިވާ ކަމަށެވެ. އަދި ރަށަށް މިހާރު މޫސުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވެ މޫސުން ރަނގަޅުވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މެޓްއިން ބުނެ އެވެ.
މި ފެށިގެން ދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ވަނީ ގޯސްވެފައެވެ. އެގޮތުން އިއްޔެ ރާއްޖޭގެ އެންމެ ދެކުނުގެ ހިސާބުތަކަށް ވަނީ ބޯކޮށް ވަރޭ ވެހިފައެވެ. މިއަދަށް ބަލާއިރު، މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
