ޚަބަރު

އާ ގައިޑްލައިންގެ ދަށުން ކްލަބްތަކުގެ ޕްރެކްޓިސް އަލުން ފަށަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށްޓަކައި ޓީމްތަކުގެ ޕްރެކްޓިސް އަލުން ފަށާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ އިސް މެމްބަރުންނާ އެކު މިއަދު ބޭއްވުނު މަޝްވަރާތަކުގައި ފުޓްބޯޅަ އަލުން ފަށަން ކުރާ މަސައްކަތައް ވަރަށް އުއްމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.

އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ފެށި މުބާރާތެކެވެ. ގިނަ ޓީމުތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ އޮކްޓޫބަރު މަހު އެވެ. ލީގު މެދުކަނޑާލިއިރު ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގެ ބައެއް މެޗުތައް ވަނީ ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ލީގު ހުއްޓާލާފައިވާ މުއްދަތުގައި ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުންތައް އިންތިހާ އަށް ބޮޑުވަމުންދާތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އިސް ފަރާތްތަކުން ވަނީ ރައީސްއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކްލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައި ނިންމާލައިފަ އެވެ.

ލީގު މެދުކެނޑިފައި އޮތުމުން ކްލަބްތަކުގެ އިސް އޮފިޝަލުންނާއި ކުޅުންތެރިން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ފިޓްނަސްގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން މާލީ ގޮތުން ވެސް އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close