ރާއްޖޭގައި ބޭރުޤައުމެއްގެ އަސްކަރީ ސިފައިން ތިބުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ނުހުއްޓާނެ – ރައީސް ޔާމީން
ރާއްޖޭގައި ބޭރުޤައުމެއްގެ އަސްކަރީ ސިފައިން ތިބުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ނުހުއްޓާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް އިން ވާދަކުރައްވާ މޫސާ ފަތުޙީއަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް މިއަދު ކޮމަންޑުއަށް ވަޑައިގެން ވާހަކަ ފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ “އިންޑިޔާ އައުޓު ” އަދި ” އިންޑިޔާ މިލިޓަރީ އައުޓް” ގެ ނަމުގައި އިދިކޮޅުފަރާތްތަކުން ހިންގާ ކެންޕޭނު ތަކާމެދު ވެރިކަން ކުރާކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދެވުނު ދައުވަތު ގަބޫލު ނުކުރެއްވިޔަސް ރާއްޖޭގައި އެހެންޤައުމެއްގެ އަސްކަރީ ސިފައިން ތިބުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ނުހުއްޓާނެކަމަށެވެ.
ސަރުކާރު ކޯލިޝަންގެ ބޭފުޅުންނަށް ރާއްޖޭގައި އިންޑިޔާގެ އަސްކަރީ ސިފައިން ތިބުމަކީ މައްސަލައަށް ނުވެ، މިނިވަންކަމަށް އެކަމުން އަސަރު ނުކުރާނެކަމަސް ބުނަމުންދާއިރު، އެއީ ވަކި މަޤްސަދެއްގައި ދައްކަވަމުންދާ ވާހަތަކެއްކަމަށެވެ. ސިޔާސީ ގޮތުން ލިބެން އޮތް ފައިދާއަށްޓަކައި، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ގެއްލުވާލުމަށް މިއަދު ސިޔާސީ އިސް ލީޑަރުން ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުން ބަލައި ގަންނާނެ ކަމެއްނޫންކަމަށް ޔާމީން ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ސިޔާސީ ލީޑަރުންނަށް މަޢާފަށް އެދެން ކެރިވަޑައި ނުގެންނެވުމަކީ ސިޔާސީ ގޮތުން ނިންމޭ ނުބައި ނިންމުތަކުގެ ސަބަބުން ކަމަށާއި، ރައްޔިތުންގެ މިނިވަންކަން ގެއްލިގެންދާފަދަ ކަންކަމާއި ދެކޮޅަށް ތެދުނުވާ ލީޑަރުންނަށް ދިވެހި ރައްޔިތުންނަށް މަޢާފް ނުކުރާނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ވެރިން ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށް ވަގުތު ނަގާލައި ކޮމަންޑޫ ދާއިރާގައި މިއަދު އުޅެމުންދަނީ ކޮން ބޭނުމެއްގައި ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.
ރައްޔިތުންނާއި ޤައުމަށްވެސް އިހުލާސްތެރި މަސައްކަތެއް ނުކުރެވޭއިރު، ޤައުމަށްވެސް ފައިދާހުރި އެއްވެސް ކަމެއް މިސަރުކާރަށް ނުކޮށްދެވޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ކުށްވެރިކޮށް މިހާތަނަށް އަދާލަތު ޕާޓީންނާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީންވެސް ވަނީ ބަޔާން ނެރެފައެވެ. އެޕާޓީތަކުންވެސް ބުނެފައިވަނީ މިއީ ސިޔާސީގޮތުން ވަކި މަންފަތަކެއް ހާސިލުކުރުމަށް ހިންގޭ ޤައުމަށް ގެއްލުން ބޮޑު ހަރަކާތެއް ކަމަށެވެ.


