ޚަބަރުކުޅިވަރު

ފުރަތަމަ ސާފް ފުޓްސަލް މުބާރާތުގެ ފަޙްރުވެރި ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-3 އިން މޮޅުވެ، ލީގުގައި ބާކީ އެއް މެޗު އޮއްވައި ރާއްޖޭން މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.

މިއީ ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުން ހޯދި ފުރަތަމަ ބައިނަލްއަގުވާމީ ކާމިޔާބީއެވެ. މީގެ ކުރިން ރާއްޖޭން ވަނީ 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ބޫޓާނުން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް، އަބްދުﷲ ޖުނެއިދު (ޖޭންނޭ) ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފުގައި ރާއްޖޭގެ އަހުމަދު ހަމީދު (އަންމަޑޭ) އަދި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ޖެހި ލަނޑުތަކާއެކު ރާއްޖޭން ވަނީ މޮޅުވެ، ކުޅުނު ފަސް މެޗުން ވެސް 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފައެވެ.

ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތުމުން މި މުބާރާތަށް ޓީމު ތައްޔާރުވީ ޗައިނާގައި ކުރި ތަމްރީނުތަކަކަށް ފަހުގައެވެ. ގައުމީ ކޯޗު ފާރޫކް ޒަކީރޯވް ވަނީ މި ކާމިޔާބީއާއެކު ރާއްޖޭގައި “ހަގީގީ ފުޓްސަލް” ކުރިއެރުވުމަށް އުންމީދުކުރާކަން ހާމަކޮށްފައެވެ.

ތާވަލުގެ ދެވަނައިގައި 10 ޕޮއިންޓާއެކު ޕާކިސްތާން އޮތްއިރު، ތިންވަނައިގައި އޮތީ އަށް ޕޮއިންޓް ހޯދާފައިވާ ނޭޕާލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close