ކޮވިޑް 19: އިތުރު މީހަކު ނިޔާވެ، ނިޔާވި މީހުންގެ ޢަދަދު 270 އަށް
ކޮވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި އެ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ.
އެ މީހާ ނިޔާވެފައި ވަނީ ރޭ 3:01 ހާއިރުކަމަށް އެޗް.ޕީ.އޭ އިން ހާމަކުރެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑްގެ ޙާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައްވެސް މިހާރު ދަނީ މަތިވަމުންނެެވެ. އެގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއިން އަށް މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ. އަދި މި މަހުގެ އެއް ދުވަހެއްގެ ތެރޭގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑްގައި ނިޔާވާ އަދަދު އިތުރުވަމުން އަންނައިރު އެ ބައްޔަށް ފައްސިވާ އަދަދުތައްެސް ދަނީ ރެކޯޑް ހަދަމުންނެވެ. އެގޮތުން އިއްޔެ އެކަނި ރާއްޖެއިން 2،349 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެެވެ.
މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 13،035 އަށް އަރާއިރު، 48 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އެބަދެއެވެ.


