މާފަރު އެއަރޕޯޓްގެ ދަތުރުތައް ޑިސެމްބަރ 1 ވަނަދުވަހުން ފެށިގެން ކުރަން ފަށަނީ
އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢާއްމު ދަތުރުތައް އަންނަމަހު 1 ވަނަދުވަހުންފެށިގެން ކުރަންފަށާނެކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ބުނީ އަންނަމަހުގެ އެއްވަނަ ދުވަހު މާފަރު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހަމަ އެދުވަހު މޯލްޑިވިއަންގެ ޝޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަނުން މިހެން ބުނިނަމަވެސް މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން އެ އެއަރޕޯޓްގެ ދަތުރުތައް ފަށާނެކަމަށް ބުނެ އެތައް ޑޭޓްތަކެއް ދީފައިވީނަމަވެސް އަދި މިހާތަނަށް ޝެޑިއުލް ދަތުރުތައް ވަނީ ފެށޭގޮތް ނުވެފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި މާފަރު އެއަރޕޯޓްގެ ޢާއްމު ދަތުރުތައް ނުފެށިލަސްވަނީ އެއަރޕޯޓް ތަރައްޤީ ކުރި ފަރާތާއި ސަރުކާރާދެމެދު ވެފައިވާ ބައެއް އެއްބަސްވުންތަކާ ސަރުކާރުން މިހާތަނަށް ޚިލާފުވަމުން ދާތީއެވެ.
ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. މާފަރު ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.
ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.




750 ruffiyaa one vay ticket