ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަލަހައްޓަމުންދާ ޖަލުތަކުގެ މިސްކިތްތަކުގައި، މި އަހަރުގެ ރަމަޟާން މަހު ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރުމަށް ނިންމައި އެކަން ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ހާފިޒުން ހަމަޖައްސާފައެވެ. މިއީ ޖަލުގައި ތިބޭ ފަރާތްތަކަށް އަޅުކަމުގެ ފުރުސަތު ފުޅާކޮށް، ދީނީ ރޫހު އާލާކުރުމުގެ މަގުސަދުގައި ނިންމި ނިންމުމެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިހާރު ތިން ޖަލެއް ބަލަހައްޓަމުން ގެންދެއެވެ. އެއީ މާފުށީ ޖަލާއި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޖަލެވެ.
މި ރަމަޟާން މަހާ ދިމާކޮށް، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ޖަލުތަކުގެ އޮފިސަރުންނަށް ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ މާފުށީ ޖަލާއި އައްސޭރި ޖަލުގައެވެ.
މީގެ އިތުރުން، ހުޅުމާލޭ ޖަލުގައި ތިބި ގައިދީންނަށް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ހާއްސަ ހަފުލާއެއް ބާއްވާފައިވެއެވެ. މި ހަފުލާގައި، ކަރެކްޝަނަލް ސާވިސްގެ އާ ހެޑްކުއާޓާސް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވި ގައިދީންގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ހަނދާނީ ލިޔުން ވެސް ވަނީ އަރުވާފައެވެ.

