އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރާއްޖެއަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހައްޖަށް ދިއުމަށް ކިއޫގައި ގިނަ ބަޔަކު ތިއްބައި، ކުންފުނިތަކުން ދޭ ހަދިޔާގެ ގޮތުގައި ބައެއް މީހުންނަށް ހައްޖަށް ދެވޭ މައްސަލައާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ކުންފުނިތަކަށް ހައްޖު ކޯޓާ ދިނުމަކީ ކުރީއްސުރެ ހިނގަމުން އައި ކަމެއް ނަމަވެސް، މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެކަން މިހާރު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. ކިއޫގައި ގިނަ ބަޔަކު ތިއްބައި ކުންފުނިތަކަށް ޖާގަ ދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެފަދަ ފަރާތްތަކުން ވެސް ފައިސާ ދައްކައިގެން ކިއޫގެ ތަރުތީބުން ދެވޭނެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހައްޖަށް ދިއުމަށް ދެމަފިރިން އެއްކޮށް ފައިސާ ދައްކާފައިވާ ނަމަ، އެ މީހުންނަށް އެކުގައި ދެވޭނެ މަގު ފަހިކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ހައްޖުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...