ޚަބަރު ހުޅުމާލޭގެ އިމާރާތަކަށް ހޮނުއެޅުމުގެ ސަބަބުން ކޮންކްރީޓް ބައިތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭގެ އިމާރާތަކަށް ހޮނުއެޅުމުގެ ސަބަބުން ކޮންކްރީޓް ބައިތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭގެ އިމާރާތަކަށް ހޮނުއެޅުމުގެ ސަބަބުން ކޮންކްރީޓް ބައިތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގައި ހުރި އިމާރާތެއްގެ އެންމެ މަތީ ބަޔަށް ހޮނުއަޅައި، އޭގެ ބައެއް ބައިތައް މަގުމައްޗަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބާރަށް ގުގުރައި ވިދަމުންދިޔަ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކައިރީގައި ހުރި އިމާރާތަކަށެވެ. ހޮނު އެޅުމުގެ ސަބަބުން އިމާރާތުގެ މަތީ ފަންގިފިލާގެ ކޮންކްރީޓް ބައިތައް ރަސްކަނޑައިގެން ގޮސް، ތިރިއަށް ވެއްޓިފައިވާ މަންޒަރު ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އިމާރާތުގެ އޮނިގަނޑަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ރޭ މޫސުން ގޯސްވުމާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ހުޅުމާލެއަށް ވަރަށް ބާރަށް ހޮނުއަޅާ މަންޒަރުތައް ފެންނަން ހުރިއިރު، މިއީ ފަހުގެ ތާރީޚެއްގައި މާލެ ސަރަހައްދަށް މިހާ ބާރަށް ގުގުރައި ހޮނުއެޅި އެއް ފަހަރެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކާފު އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ވިދާޅުވި ގޮތުގައި ފަތިހު 05:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ބާރަށް ގުގުރުމާއެކު ވާރޭ ވެހޭނެއެވެ. އެހެންކަމުން، ގުގުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ބޭނުންކުރުމާއި، ބޭރުގައި އުޅުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ޓެގް

ވިއްސާރަ ހުޅުމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.