އޮޑިޓް ރިޕޯޓްގެ މުއްދަތު ހަމަވިއިރު އަދާލަތާއި އެމްއެންޕީ ފިޔަވައި ހުރިހާ ޕާޓީއަކުން ލިޔެކިޔުންތައް ހުށަހަޅައިފި

ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ މާލީ ހިސާބުތަކުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ސުންގަޑި ހަމަވިއިރު، ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ޕާޓީތަކުގެ ތެރެއިން އެ ރިޕޯޓް ހުށަނާޅައި އޮތީ އެންމެ ދެ ޕާޓީއަކުންކަން ހާމަވެއްޖެއެވެ. އެއީ އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދީފައިވާ ރަސްމީ ސުންގަޑިއަކީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޤާނޫނީ އިމުގެ ތެރެއިން ފުރިހަމަކޮށް ރިޕޯޓް ހުށަހަޅާފައިވަނީ ޖުމްލަ 5 ޕާޓީއަކުންނެވެ.
އެގޮތުން ކަނޑައެޅިފައިވާ މުއްދަތަށް ރިޕޯޓް ފޮނުވާފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނެއެވެ. އާންމުކޮށް މިފަދަ ހާލަތްތަކުގައި ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ޕާޓީތަކަށް ބޮޑެތި ފައިސާގެ ޖޫރިމަނާތަކެއް އަންނާނެއެވެ.
