ޚަބަރު ތިން އަހަރުގެ ވެރިކަމުގައި ހުރިހާ ދާއިރާއަކުން ވެސް ނަތީޖާ ދެއްކިއްޖެ: ރައީސް

ތިން އަހަރުގެ ވެރިކަމުގައި ހުރިހާ ދާއިރާއަކުން ވެސް ނަތީޖާ ދެއްކިއްޖެ: ރައީސް

ތިން އަހަރުގެ ވެރިކަމުގައި ހުރިހާ ދާއިރާއަކުން ވެސް ނަތީޖާ ދެއްކިއްޖެ: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ދާއިރާއެއް ބާކީނުކޮށް އަމަލީ ގޮތުން ނަތީޖާ ހާސިލުކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ވާހަކަދައްކަނީ ހަމައެކަނި ދައްކާލާ ވާހަކަތަކެއްގެ މައްޗަށް ނޫން ކަމަށާއި، ކޮށްދެވުނު މަސައްކަތްތަކުގެ ހެޔޮ ބަދަލާއި ފައިދާ އެތައް ރައްޔިތުންނަކަށް މިހާރު ވެސް ދަނީ ލިބެމުންނެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ 99 އިންސައްތަ މީހުންގެ މައުލޫމާތު އެއްކޮށް ދަފުތަރުކުރެވިފައިވާ ކަމަށާއި، މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ކުރީގައި އުޅޭ އެއް އިންސައްތަ ގައުމަށް ހާސިލުކުރެވިފައިވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 13،000 މީހުން މިހާތަނަށް ޑީޕޯޓުކޮށްފައިވާކަން ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ދައުލަތުގެ މާލީ ހާލަތާއި ދަރަނި ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނުދައްކާ ހުރި ބިލްތައް ވެސް ހިމެނޭހެން ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކި ފަރާތްތަކަށް 25 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް ދަރަނި ދެއްކުމަށް ހޭދަކޮށްފައި ނުވާހާ ބޮޑު އަދަދެއް މި ސަރުކާރުން ދައްކާފައިވާކަން ފާހަގަކުރައްވައި، އަމާޒަކީ އަންނަ އަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށް ތިރިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދީނީ ދާއިރާ ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓަށް ބުރަނުވެ ދީނީ ކަންކަން ހިންގުމަށް ފައިސާ ހޯދޭނެ މަގުފަހިކުރުމަށް އައުގާފްގެ މަސައްކަތް ފުޅާކުރެވިފައިވާ ކަމަށާއި، ވަގުފް ބިނާތަކުން ނަފާ ލިބެން ފެށުމުން ދީނީ ކަންކަމަށް ހޭދަކުރާނެ ފައިސާ ދާއިމީ ގޮތެއްގައި ލިބިލިބި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމަކާ އެކު ވެސް ބަދަހި ގުޅުމެއް ބޭއްވުން ކަމަށާއި، ޚާއްޞަކޮށް އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މި ޖަލްސާގައި ރައީސް ވަނީ ފަތުރުވެރިކަމާއި ތައުލީމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ޒުވާނުން ބިނާކޮށް ތަރައްގީކުރުމުގެ ދާއިރާއިން ވެސް ސަރުކާރުން ހޯދާފައިވާ ގިނަގުނަ ކާމިޔާބީތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަފުތާ 156

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.