ނޭޝަނަލް އެމްބިއުލާންސް ސަރވިސްއެއް ތައާރަފްކުރަނީ
ސިއްޙީ ނިޒާމް ވަރުގަދަކޮށް އަވަސްފަރުވާ ދިނުމުގައި މިހާރަށްވުރެ ހަލުވި ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް އެމްބިއުލާންސް ސަރވިސްއެއް ތައާރަފް ކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަގޮތުން ސިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ދިނުމަށް މުޅި ރާއްޖެ ގުޅުވާލަދޭ ނިޒާމެއް އޮތުން ވަރަށް މުހިންމު ކަމަށާއި، މިކަމަށްޓަކައި ނެޝަނަލް އެމްބިއުލެންސް ސަރވިސްއެއް ތައާރަފްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން ރާއްޖޭގެ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ސިއްޙީ ފަރުވާ ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްބިއުލާންސްތަކުގެ ތެރެއިން 30 އިންސައްތަ އެމްބިއުލާންސް ބޭނުންނުކުރެވޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ދަށުން މި އުޅަންދުތަކުގެ މެއިންޓެއިނަންސް މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ފުރަތަމަ އެހީ، ނުވަތަ ފަރސްޓް އެއިޑަކީ ސިއްޙީ ޚިދުމަތުގެ މުހިންމު ބައެއް ކަމަށާއި، އަލައް ޤާއިމުކުރާ ނެޓްވޯރކްގެ ތެރެއިން ސިއްޙީ ކުއްލި ޙާލަތެއްގައި އަމަލުކުރާނެގޮތް އޮޅުންފިލުވުމަށް ގުޅާނެ ޚާއްޞަ ނަންބަރެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިމަސައްކަތް ނިމުމާއެކު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން މި ޚިދުމަތް ދެމުންދާފަދަ ގޮތަކަށް، ދިމާވާ ހާލަތްތަކުގައި ވަގުތުން އަމަލުކުރަންވީގޮތް މި ޚިދުމަތް މެދުވެރިކޮށް ކިޔައިދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނާމެދު ކަންތައްކުރާނެގޮތާމެދު ޓެކްސީ ޑްރައިވަރުންނާއި، އުޅަނދުތައް ދުއްވާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް ހަފްތާއެއްހާދުވެހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ސިއްޙީ ޚިދުމަތް ވީހާވެސް ކައިރިން ލިބޭނެ މަގު ފަހިކޮށްދިނުމަށްކަމަށާއި، ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތަކަކީ ޓާޝަރީ ފެންވަރަށްވުރެ ޚިދުމަތް ރަނގަޅު ހޮސްޕިޓަލްތަކަކަށް ހަދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



