އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ސޯލިހަށް އަރުވާނީ އަންނަމަހު: އެމްޑީޕީ
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާއި ވާދަކޮށް 61 ޕަސެންޓު ވޯޓުން ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކަށަވަރު ކުރައްވާފައިވާތީ އެމްޑިޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމަނިކުފާނާއި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ39 ޕަސެންޓު ވޯޓެވެ.
އިންތިހާބަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ.
އެ އަށް ފަހު، އަންނަ މަހުގެ މެދުތެރޭގެ ހިސާބުގައި ރައީސަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ. އެކަމަކު އެ ރަސްމިއްޔާތު ބާއްވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 24،572 ވޯޓުންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.
މި އިންތިހާބުގެ ވަގުތީ ދާއިމީ ނަތީޖާ އިއުލާނުކޮށް ޓިކެޓު ހަވާލު ކުރަން ނިންމި އިރު ރައީސް ނަޝީދު ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައި އެވެ.




