ޚަބަރު

އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބާއްވަނީ

މިއަހަރުގެ އަޟްޙާ އީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 1447 ވަނަ އަހަރުގެ އަޟްޙާ އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 7:00 ގައެވެ. މިއީ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެއްތަނަކުން އީދު ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް އިންތިޒާމުކުރާ ކަމެކެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ހަތަރު ސަރަހައްދަކީ މާލޭގެ މާފަންނު ސްޓޭޑިއަމް، ވިލިމާލޭގެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް ސަރަހައްދު އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދެވެ. މި ހުރިހާ ސަރަހައްދެއްގައިވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

މައިދާންތަކުގެ އިތުރުން، މާލެ ސަރަހައްދުގެ އެކި މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުން ކުރިއަށްދާނެއެވެ. އެގޮތުން މާލޭގެ 17 މިސްކިތެއްގައި ނަމާދު ކުރާއިރު، އޭގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ފަދަ ބޮޑެތި މިސްކިތްތައް ހިމެނެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މިސްކިތެއްގައާއި، ދެވަނަ ފިޔަވަހީގެ ދެ މިސްކިތެއްގެ އިތުރުން ވިލިމާލޭގެ ދެ މިސްކިތެއްގައިވެސް އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން މައިދާންތަކުގައި ނަމާދު ކުރުމަށް ދަތިވެއްޖެނަމަ، ބޮޑު ޖަމާއަތް ކެންސަލް ކުރެވޭނެ ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އީދު ނަމާދު ކުރާނީ މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close