ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ ކުޅިވަރު އެކުވެންޏެއް ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި އާ ކުޅިވަރު އެކުވެނި ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެކުވެނި ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭގެ އެކި ސްޕޯޓްސް އެކަޑަމީތަކުން ބައިވެރިވެފައިވެއެވެ.
މި އާ އެކުވެނީގައި ބަށި، ވޮލީ، ބާސްކެޓް، ހޭންޑްބޯލް އަދި ނެޓްބޯލް ކުޅުމަށް ހާއްސަ ކޯޓުތަކެއް ވަނީ ގާއިމުކޮށްފައެވެ. އެޗްޑީސީން ބުނި ގޮތުގައި މި ވަސީލަތްތަކާއެކު، ހުޅުމާލޭގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ދަނޑުތައް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މިހާރު މި ހުރިހާ ކޯޓުތަކެއް ވަނީ އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައެވެ.
މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. ކުޅިވަރު ދަނޑުތަކުގެ އިތުރުން، އައުޓްޑޯ ޖިމްތައް ފަދަ ސިއްހީ ދުޅަހެޔޮކަމަށް މަގުފަހިވާނެ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް އެ ކޯޕަރޭޝަނުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
