ޚަބަރު

ޒަރޫރީ ބޭސް ލިބުން ލަސްވާ ސަބަބު ހާމަކުރެވެން ނެތް ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ

ޒަރޫރީ ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ދިގު މުއްދަތެއް ހޭދަވާ ސަބަބު އާންމު ފޯރަމެއްގައި ހިއްސާކުރެވެން ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭސް ލިބުން ލަސްވާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް މިނިސްޓަރު ވިދާޅުވީ އެފަދަ ތަފްސީލީ މައުލޫމާތު ދެއްވަން ދަތި ކަމަށެވެ.

ނޫސްވެރިން މި ސުވާލު އަމާޒުކުރީ ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް ނުލިބި އަށް މަސް ދުވަސް ވުމަށްފަހު، ހަ އަހަރުގެ ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ ވަކި ހާދިސާތަކުގެ ތަފްސީލު މީޑިއާގައި ހިއްސާކުރުމަކީ އާއިލާއަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ރައްކާތެރި ކަމަކަށް ނުވާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ނިޒާމުގެ ތެރޭގައި ދިމާވާ މިފަދަ ގޮންޖެހުންތައް މަދުކުރުމަށްޓަކައި މައްސަލަތައް ރިޕޯޓުކުރެވޭނެ ނިޒާމު މިހާރު ވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ފޯނުންނާއި އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ކަމަށާއި، މިފަދަ ހާދިސާތައް ތަހުގީގުކޮށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close