ޚަބަރު

ބޭހުގެ ފެންވަރު ބަލަނީ އުފައްދާ ބައްރަކަށް ނޫން، މުހިންމީ ކޮލިޓީ ކަށަވަރުކުރުން: މިނިސްޓަރު ނާޒިމް

ބޭހުގެ ފެންވަރު ރަނގަޅުވަނީ ހަމައެކަނި ޔޫރަޕުގައި އުފައްދައިގެން ނޫން ކަމަށާއި، ބޭސް އުފައްދާ ގައުމަކަށް ނުވަތަ ބައްރަކަށް ބެލުމުގެ ބަދަލުގައި އެންމެ މުހިންމީ ބޭހުގެ ކޮލިޓީ ކަށަވަރުކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮލިޓީ ރަނގަޅު ބޭސް ގެނައުމަކީ ސަރުކާރުން އަބަދުވެސް ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ، “އާދައިގެ ބޭސް” ގެނައުން ހުއްޓާލައި، ސީދާ ޔޫރަޕާއި އެމެރިކާ ފަދަ ތަންތަނުން ފެންވަރު ރަނގަޅު ބޭސް އެތެރެކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް، ފެންވަރު ރަނގަޅުވުން މާނަކުރަނީ ހަމައެކަނި “ޔޫރަޕު ކޮލިޓީ” ގެ ގޮތުގައި ނޫން ކަމަށާއި، ބޭސް އުފައްދާ ތަނަށްވުރެ ބޮޑަށް ބަލަނީ އެ ބޭހެއްގެ ފެންވަރަށް ކަމަށް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.

މީގެ އިތުރުން، އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ވެސް ފެންވަރު ރަނގަޅު ބޭސް އުފައްދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ބޭހުގެ ކޮލިޓީ ބަލާނެ ވަކި އުސޫލުތަކާއި މިންގަނޑުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ މިންގަނޑުތަކަށް ފެތޭ، ރައްޔިތުންނަށް ރައްކާތެރި ބޭސް ރާއްޖެއަށް އެތެރެކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close