ބަކާ ނިޔާވިކަން އޭޑީކޭ ހޮސްޕިޓަލްްގައި ހުރި މީހަކު ވަނީ “ވަގުތު”އަށް ކަށަވަރުކޮށްދީފައެވެ.
ބަކާގެ ގާތް މީހަކު “ވަގުތަށް” ރޭ ކިޔައި ދިން ގޮތުގައި ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮންމެ އަހަރަކު ވެސް ސައުދީ އެމްބަސީގެ ފަރާތުން ވަކި އަދަދަކަށް މީހުން ހައްޖަށް ފޮނުވާ އިރު، މިފަހަރު އެމީހުންގެ ތެރޭގައި ބަކާ ވެސް ހިމެނުނެވެ.
އައްޑޫ ސިޓީ، ހިތަދޫ އަށް އުފަން ބަކާގެ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެންނެވެ. އަދި ނޭވާލުމަށް ވެސް ދަތިވެފައިވާ ކަމަށް ކުރިން ވާހަކަ ދެއްކި މީހާ ކިޔައި ދިނެވެ.
އޭޑީކޭ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދޭން ފަށާފައި ވަނީ ވެސް ރޭގެ ވަގުތެއްގައެވެ.
ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.
ބަކާގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ވަނީ މަޝްހޫރު ކުލަބުތައް ކަމުގައިވާ ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ ފަދަ ކުލަބުތަކަށް ކުޅެފައެވެ. އަދި ބަކާ ވަނީ މިޔަންމާ ލީގުގައި ވެސް ކުޅެފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބަކާ ފުޓްބޯޅަ ކެރިއަރު ފެށީ އައިލެންޑް އެފްސީންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...