އުސޫލާ ހިލާފަށް ފްލެޓް ކުއްޔަށްދޭ މައްސަލަ: އެފްޑީސީން ފިޔަވަޅު އަޅައި ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ހުޅުމާލޭގެ “އަމާން އުދަރެސް” މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އުސޫލާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާ މައްސަލައިގައި އެފްޑީސީން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އެގޮތުން، އެއްބަސްވުމާ ހިލާފުވި ފަރާތްތަކުގެ ތެރެއިން އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިޔުމުން އިންޒާރު ދީފައިވާއިރު، އިތުރު މައްސަލަތަކެއް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ ކުރިން ބައެއް ފްލެޓުތައް ބިދޭސީން ދިރިއުޅޭ ކުއާޓާގެ ގޮތުގައި ބޭނުންކުރި މައްސަލަތަކެއް ވެސް ވަނީ ފާހަގަކުރެވިފައެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ އާއިލާތަކަށް ހާއްސަ ކުރި މި ތަންތަން ބޭނުންކޮށްގެން އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެހެން މީހުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަތުމަށް ސޯޝަލް މީޑިއާގެ އިޝްތިހާރުތައް ވެސް މޮނިޓަރ ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފްލެޓް ލިބުނު ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފްލެޓް އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. މި އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ އެންމެ ހަރުކަށި ފިޔަވަޅަކީ ފްލެޓް އަތުލުން ކަމަށް ވާއިރު، އެފްޑީސީން ވަނީ ގަވާއިދާ ހިލާފަށް ކުރާ މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.


