އީލޮން މަސްކްގެ ޓްވީޓާ ޑީލް މިހިނގާ އޮކްޓޯބަރު 28 ގެ ކުރިން ނިންމަންޖެހޭ
ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނު އަދި ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މާސްކް ޓްވިޓާ ގަތުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުން ލަސްކޮށް ދިނުމަށް އެދުނު ނަމަވެސް މިހިނގާ އޮކްޓޯބަރު 28 ގެކުރިން ޓްވިޓާ އަށް ފައިސާ ދައްކާ ޚަލާސްކޮށް އެޑީލް ނިންމަން ޖެހޭނެކަމަށް ޓްވިޓާއިން މަސްކްއަށް ޝަރުތުކޮށްފިއެވެ.
ޓްވިޓާގަތުމުގެ އެއްބަސްވުން ފުރަތަމަ ފެށިގެން ދިޔައިރު ދެފަރާތުންވެސް އޮމާންކަމާއެކު މުޢާމަލާތްތައް ކުރިއަށް ދިޔަނަމަވެސް ވަކިހިސާބަކުން މައްސަލަތައް ފެންމަތިވެ އެއްބަސްވުމަކަށް ނާދެވި އެމައްސަލަ ޓްވިޓާއިން ވަނީ ކޯޓަށް ހުށަހަޅާފައެވެ. މައްސަލައިގެ އެތައް އަޑުއެހުން ތަކަކަށްފަހު މިހާރު މަސްކް ނިންމާފައިވަނީ ހިއްސާއަކަށް 54.20 ޑޮލަރު ނުވަތަ 44 ބިލިއަން ޑޮލަރުގެ އަސްލު އަގުގައި ޕްލެޓްފޯމް ގަތުމަށެވެ.
މަސްކް އެގޮތަށް އެއްބަސްވެފައިވާތީ މިހާރު ދިހަ ދުވަހުގެ މުހުލަތެއް ކޯޓުންވަނީ މަސްކުއަށް ދީފައެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި އީލޮން މާސްކް އާއި ޓްވިޓާގެ މައްޗަށް ޝަރީއަތް ކުރިއަކަށް ނުގެންދާނެ އެވެ. އެހެންނަމަވެސް އޮކްޓޯބަރު 28 ގެ ކުރިން މުއާމަލާތް ނުނިމިއްޖެނަމަ ޝަރީއަތް އޮންނާނީ ނޮވެމްބަރު މަހުގައި ކަންވެސް ކޯޓުން ވަނީ އަންގާފައެވެ.
ޓްވިޓާގައި ގިނަޢަދަދަކަށް ފޭކް އެކައުންޓްތަކެއް ހުރިކަމަށް ބުނެ ޓްވިޓާ ގަތުމުގެ މަސައްކަތް ކުރިއަށް ނުގެންދާން މަސްކު ނިންމި ނިންމުން ބަދަލުވީ، ގާނޫނީ ހުރަސްތައް ކުރިމަތިވުމުން ކަމަށްބެލެވެއެވެ.
އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 5 ޖަހަންދެން މަސްކު އަށް މުހުލަތު ދިނީ ޝަރީއަތުގެ އެކިއެކި މަރުޙަލާތަކުގައި މަސްކުގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްކަށް ކޯޓުން ރިއާޔަތް ކުރުމަށްފަހުއެވެ.
ނަމަވެސް މަސްކްގެ މި ހުށަހެޅުމަކީ ބިލިއަނަރުގެ އިތުރު އުކުޅެއް ނޫން ކަމަށް ޓްވިޓާއަށް %100 ޔަގީން ނުކުރެވެއެވެ. އެކުންފުނިން ބުނީ އޭނާ ލަސްކުރުމަށް އެދުމުގެ ބޭނުމަކީ މިކަން އިތުރަށް މުޑުދާރު ކުރުމަށް ދައުވަތު ދިނުން ކަމުގައެވެ.
މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން އަދިވެސް ތުހުމަތު ކުރައްވާ ގޮތުގައި މަސްކް ޓްވިޓާއާއި ހަވާލުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް އަދިވެސް ނެތެވެ. ޓްވިޓާއަށް ފައިސާ ދެއްކުން ލަސްކުރުމަށް މަސްކް އެދިފައިވަނީ އިތުރު ގޮތަކަށް މިކަން އަނބުރާލުމުގެ ފުރުޞަތު ހޯދުމަށްކަމަށްވެސް އެފަދަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

