ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފަތާ ފޯނުތައް ކަމަށްވާ ގެލެކްސީ ޒެޑް ފޯލްޑް 8 އަލްޓްރާ، ގެލެކްސީ ޒެޑް ފޯލްޑް 8 އަދި ގެލެކްސީ ޒެޑް ފްލިޕް 8 އަށް ޔޫރަޕްގެ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ކަސްޓަމަރުންގެ ރިވިއުތަކަށް ބަލާއިރު މި އާ ލައިނަޕަށް އެވްރެޖްކޮށް 5 ތަރީގެ ތެރެއިން 4.8 ތަރީގެ ރޭޓިންއެއް ލިބިފައިވާ ކަމަށް ސެމްސަންގުން ބުނެއެވެ.
މި އައު ޒެޑް ސީރީޒަކީ ޔޫރަޕްގެ މާކެޓުގައި މިހާތަނަށް ސެމްސަންގްގެ ފޯލްޑަބަލް ފޯނަކަށް އެންމެ ގިނަ ޕްރީ-އޯޑަރު ލިބުނު ސީރީޒް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ ތެރެއިން ވެސް އެ ސަރަހައްދުގެ ޖުމްލަ ޕްރީ-އޯޑަރުގެ 40 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ގެލެކްސީ ޒެޑް ފޯލްޑް 8 ކަމަށްވުމުން، ހިމަކޮށް ފޮތެއްހެން ހުޅުވާލެވޭ ފޯނުތަކަށް އޮތް ޑިމާންޑް ބޮޑުކަން ހާމަވެއެވެ.
ޔޫރަޕްގެ 4,006 ސްމާޓްފޯން ބޭނުންކުރާ މީހުން ބައިވެރިކޮށްގެން ސެމްސަންގުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، 69 އިންސައްތަ މީހުން ބޭނުންވަނީ އާދައިގެ ފޯނެއްގެ ލުއިފަސޭހަކަމާއެކު ބޮޑު ސްކްރީނެއްގެ ބޭނުން ހިފޭނެ ފަދަ ޑިވައިސްއެކެވެ. މީގެ އިތުރުން 85 އިންސައްތަ މީހުން ފޯނުން މަސައްކަތެއް ފަށައި، އެ މަސައްކަތް ފުރިހަމަކުރުމަށް ފަހުން ބޮޑު ސްކްރީނެއް ބޭނުންކުރާ ކަމަށް ބުނެފައިވެއެވެ.
މިފަދަ ބޭނުންތަކަކީ ފަތާ ފޯނުތަކުގެ އެންމެ ބޮޑު ފައިދާއާ ގުޅިފައިވާ ކަންކަމެވެ. އޭގެ ތެރޭގައި އެއްފަހަރާ ދެ މައުލޫމާތެއް އަޅާކިޔުމާއި، އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ބަދަލުނުވެ މަސައްކަތް ނިންމާލުމުގެ އިތުރުން ވީޑިއޯ ބެލުމަށާއި ކިޔުމަށާއި ގޭމް ކުޅުމަށް ބޮޑު ސްކްރީނެއް ލިބުން ހިމެނެއެވެ.
ޔޫރަޕުން ލިބިފައިވާ ކުރީކޮޅުގެ ރިވިއުތަކުގައި ގެލެކްސީ ފޯލްޑް 8 ގެ ލުއި އަދި ތުނި ޑިޒައިނަށާއި، ސްކްރީން ފަތާލާ ބައި (ކްރީސް) ރަނގަޅުކޮށްފައިވާ މިންވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ. އަދި ފޯލްޑް 8 އަލްޓްރާގެ މަލްޓިޓާސްކިން އާއި، ކޮންޓެންޓް ބެލުމުގެ ފުރިހަމަކަމުގެ އިތުރުން ކެމެރާގެ ފެންވަރު ފާހަގަކޮށް ކަސްޓަމަރުން ވަނީ ތައުރީފު އޮއްސާލައިފައެވެ.
ކުޑަކޮށް ފަތާލެވޭ ގެލެކްސީ ޒެޑް ފްލިޕް 8 އަށް ވެސް ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ފީޑްބެކެއް ލިބިފައިވެއެވެ. ޚާއްސަކޮށް އޭގެ ސައިޒު ކުޑަވުމާއި، އިތުރަށް ފުރިހަމަކޮށްފައިވާ ފްލެކްސް ވިންޑޯ (ބޭރު ސްކްރީން) ބޭނުންކޮށްގެން ފޯނު އަތުން ނުހިފަހައްޓައި ފޮޓޯ ނެގުމާއި އެކި ގޮތްގޮތަށް ސްކްރީން ކަސްޓަމައިޒް ކުރުމުގެ ގާބިލުކަން ކަސްޓަމަރުންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.
ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 8 އަލްޓްރާ، ގެލެކްސީ ޒެޑް ފޯލްޑް 8 އަދި ގެލެކްސީ ޒެޑް ފްލިޕް 8 މިހާރު ސެމްސަންގްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...