މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝު ކަންތައްތައް ފަތުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރިކަމަށް އަންގަވައި، އެފަދަ ޢަމަލުތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މަޢުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނުގައި ފާޙިޝު ކަންކަމަކީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމެކެވެ. އަދި ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް މިފަދަ ޢަމަލުތަކަށް އަރައިގަތުމާއި، އެފަދަ ވާހަކަތަކާއި ޢަމަލުތައް މުޖުތަމަޢުގައި ފެތުރުމަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ކަމަށް ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން ފާހަގަކުރިއެވެ.
ފާޙިޝު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑެތި ފާފަތަކަކީ ޒިނޭއާއި އެއްޖިންސުން ގުޅުން ހިންގުން ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ބަދުއަޚުލާޤީ މިފަދަ ނުބައި ޢަމަލުތަކުގެ ސަބަބުން އިހުގެ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވެވި ގަދަފަދަ ޢަޛާބުން ޢިބުރަތް ޙާޞިލުކުރުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.
މީގެއިތުރުން، މިއަދުގެ ދުނިޔޭގައި އެކިއެކި މަންސަތަކުގައި އަގުތައް އިޢުލާނުކޮށްގެން، ވިޔަފާރީގެ އުޞޫލުން ފާޅުގައި މިފަދަ ކަންކަން ހިންގާ މީހުން ގިނަވަމުންދާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުގެ މަސްއޫލުވެރިން މިކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށާއި، އެހެން ނޫންނަމަ ގިނަ ބަޔަކު ޖިންސީ ބަލިތަކުގެ ޝިކާރައަކަށްވެ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިންޒާރު ދިނެވެ.
މި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އިންސާނާގެ ޠަބީޢީ އެދުންތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ކައިވެނީގެ މަގު އިޚުތިޔާރުކުރުމަށް ޚުޠުބާގައި ބާރުއެޅިއެވެ. އެގޮތުން ކުޅަދާނަކަން ހުރި މީހުން ކައިވެނިކުރުމަށާއި، ތަނަވަސްކަން ނެތް ޒުވާނުންނަށް ކައިވެނިކޮށްދިނުމުގައި އެހީތެރިވުމަށް ގޮވާލިއެވެ. އަދި ކައިވެނީގެ ކުޅަދާނަކަން ނެތް ފަރާތްތަކުން ރޯދަހިފައި، ނަފުސުގެ އެދުންތަކުން ރައްކާތެރިވެ ތިބުމަށް ކީރިތި ރަސޫލާ z ދެއްވާފައިވާ އިރުޝާދު ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމުގައި އިސްލާމީ ޝަރީޢަތުގެ އިންތަކުން ބޭރުނުވުމަށާއި، މާތް ﷲ އަށް ބިރުވެތިވެ، ކީރިތި ޤުރްއާނާއި ރަސޫލާ z ގެ ސުންނަތުގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...