ޚަބަރު އެންމެ 12،000 ރުފިޔާއަށް، ލަންދޫގެ އެންމެ ހިތްގައިމު ތާރީޚީ 'ރާމީ' ސަރަހައްދުގެ ބިޔަ ގަސްތައް ކަނޑާ ބިމާ ހަމަހަމަ ކޮށްލައިފި

އެންމެ 12،000 ރުފިޔާއަށް، ލަންދޫގެ އެންމެ ހިތްގައިމު ތާރީޚީ 'ރާމީ' ސަރަހައްދުގެ ބިޔަ ގަސްތައް ކަނޑާ ބިމާ ހަމަހަމަ ކޮށްލައިފި

އެންމެ 12،000 ރުފިޔާއަށް، ލަންދޫގެ އެންމެ ހިތްގައިމު ތާރީޚީ 'ރާމީ' ސަރަހައްދުގެ ބިޔަ ގަސްތައް ކަނޑާ ބިމާ ހަމަހަމަ ކޮށްލައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ނ. ލަންދޫގައި އޮތް އެންމެ ގަދީމީ، އެންމެ ތާރީޚީ އަދި ރަށުގެ ރައްޔިތުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ "ރާމީ" ސަރަހައްދުގެ ހިޔާވަހިކަން ގެއްލި، އެތަނުގައި ހުރި ބިޔަ ފުނަގަސްތައް ކަނޑާ ބިމާ ހަމަކޮށްލައިފިއެވެ.

ޒަމާންތަކެއް ވަންދެން ރަށުގެ ކުދިބޮޑު އެންމެން ހިތްފަސޭހަކޮށްލުމަށް ޖަމާވި ހިތްގައިމު މާހައުލު، މިއަދު މިވަނީ ހަނަފަސް ސަހަރާއަކަށް ބަދަލުވެގެން ގޮސްފައެވެ.

ލަންދޫގެ ހުނޅަގު ފަރާތު ހޭޅިފަށުގައި ހުރި މި ފުނަގަސްތަކަކީ ގާތްގަނޑަކަށް ބައިގަރުނު (50 އަހަރު) ވެފައިވާ، ދިވެހިވަންތަ ރީތިކަން އިންތިހާއަށް ގެނެސްދީފައިވާ ބިޔަ ބޮޑެތި ގަސްތަކެކެވެ. ރާމީ ސަރަހައްދަކީ ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހު ރޯދަކުރުކުރުމަށްޓަކައި ރަށުގެ ރައްޔިތުން އެއްތަނަކަށް އެއްވެ، އުނދޯއްޔާއި، ހޮޅުއައްޓާއި، އޮށިއަށްޓާއި، ޖޯލިފަތި އަދި ކުދި އަށިތައް ހަދައިގެން ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އުފާވެރި ވަގުތުތައް ހޭދަކުރަމުން އައި މައި މަރުކަޒެވެ. ނަމަވެސް، މި ބިޔަ ގަސްތައް ކަނޑާލުމާއެކު، އެ ސަރަހައްދުގެ ދިރުމާއި ބޭނުން މިވަނީ އެއްކޮށް ނެތިގޮސްފައެވެ.

2.jpg

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ގަސްތަކަކީ މީގެ އެތައް އަހަރެއް ކުރިން ލަންދޫގައި ދިރިއުޅުއްވި ކަމުވޮށިގެންވާ އިސްބޭފުޅަކު އިންދަވައި ބަލަހައްޓަވާފައިވާ ގަސްތަކެކެވެ. ލަންދޫ ކައުންސިލްގެ ރައީސް އަޔާޒު ޙުސައިން ވެސް ވިދާޅުވި ގޮތުގައި އެއީ އަމިއްލަ ފަރުދެއްގެ މިލްކިއްޔާތުގައި ހުރި ގަސްތަކެކެވެ. މި ގަސްތައް ކަނޑާލާފައިވަނީ އެ ގަހުގެ ވާރިސަކު، ނ. މާޅެންދޫ މީހަކަށް އެ ގަސްތައް ވިއްކާލުމާ ގުޅިގެންނެވެ.

މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި، ބައިގަރުނުވީ މި ތާރީޚީ ހަތް ފުނަގަސް މާޅެންދޫ މީހާއަށް ވިއްކާލާފައިވަނީ ކީއްކުރަން ހެއްޔެވެ؟ ހަމައެކަނި 12،000 (ބާރަހާސް) ރުފިޔާއަށެވެ. މިއަދުގެ ބާޒާރުގެ އަގުތަކަށާއި، މިފަދަ ބިޔަ ގަސްތަކުގެ ތިމާވެށީގެ އަގަށް ބަލާއިރު މިއީ ކަނޑައެޅިގެން އޮޅުމެއް ފަދަ ނުހަނު ކުޑަ އަގެއް ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ރަށުގެ އެންމެހައި ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ މިފަދަ އަގުހުރި ގަސްތަކެއް ކަނޑައި ބިމާ ހަމަކުރިއިރު، ލަންދޫ ކައުންސިލުން އެކަށީގެންވާ ޒިންމާއެއް އުފުލާފައި ނުވާތީ ރައްޔިތުން ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ކައުންސިލްގެ ރައީސް އަޔާޒު ވިދާޅުވީ، އެއީ އަމިއްލަ މީހެއްގެ މިލްކިއްޔާތަކަށް ވާތީ ކައުންސިލަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. އަދި "އަޅުގަނޑުމެންނަކީ ޒުވާނުން ކަމަށްވުމުން، އެ ގަސްތަކުގެ ވެރިފަރާތް ކަށަވަރުކުރީ ދޮށީ އުމުރުގެ މީހުންނާ ވާހަކަދައްކައިގެން" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

3.jpg

ނަމަވެސް، ތަޖުރިބާކާރު އެހެންރަށެއްގެ ކައުންސިލަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ، ރަށުގެ ހޭޅިފަށާއި އާންމު މަސްލަހަތާ ގުޅިފައިވާ މިފަދަ ބޮޑެތި ގަސްތައް ހިމާޔަތްކުރުމުގެ ފުރިހަމަ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ. "ގަސްތަކުގެ ވެރިފަރާތަށް އެކަށީގެންވާ ބަދަލެއް ދީފައި ވެސް އެ ގަސްތައް ކެނޑިޔަނުދީ ކައުންސިލަށް ހިފެހެއްޓޭނެ،" އޭނާ ވިދާޅުވިއެވެ. މި ނޫހުން ސުވާލުކުރުމުން އެކަން ހުއްޓުވޭތޯ ބަލަމުންދާ ކަމަށް ލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވި ނަމަވެސް، އޭރު މުޅި ސަރަހައްދުގެ ހުރިހާ ގަހެއް ކަހަލަ ގޮތަކަށް ވަނީ ކަނޑައި ބިމާ ހަމަކޮށްފައެވެ.

އެންމެ 12،000 ރުފިޔާގެ ބަދަލެއް ދީގެން ރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި، ރަށުގެ ތިމާވެށީގެ އައްޑަނަ ހިމާޔަތް ކުރެވެން އޮއްވައި، ފަރުވާކުޑަކޮށްލުމުގެ ސަބަބުން މި ގެއްލިގެން ދިޔަ ދިޔުމަކީ މިއަދު ލަންދޫގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ، ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ. މީގެ ކުރިން ވެސް ލަންދޫގެ ބަންޑާރަފަޅި ސަރަހައްދުގައި ހުރި އެންމެ ދުވަސްވީ ބިޔަ މިދިލިގަސްތައް ވެސް ވީނުވީއެއް ނޭނގި ވަނީ ކަނޑާލާފައެވެ.

މިއަދުގެ ތަހުޒީބު މުޖުތަމައެއްގައި، ގުދުރަތީ ވެއްޓާއި ތާރީޚީ ތަރިކައަށް މިފަދަ އިހާނެތިކޮށް ހިތުމަކީ ލަންދޫގެ މުސްތަގުބަލަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. ރާމީ ސަރަހައްދުގެ ފިނި ހިޔަލާއި އެ ހަނދާންތައް މިއަދު ވަނީ ހަމައެކަނި މާޒީގެ ތެރެއަށް ދޫވެފައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ.

ޓެގް

ލަންދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.