ޚަބަރު ސައިކަލު ވިއްކުމުގެ ނަމުގައި މަކަރުހެދި ކިންގްސްޓަންގެ އެމްޑީގެ މައްޗަށް 139 ދަޢުވާއެއް އުފުލައިފި

ސައިކަލު ވިއްކުމުގެ ނަމުގައި މަކަރުހެދި ކިންގްސްޓަންގެ އެމްޑީގެ މައްޗަށް 139 ދަޢުވާއެއް އުފުލައިފި

ސައިކަލު ވިއްކުމުގެ ނަމުގައި މަކަރުހެދި ކިންގްސްޓަންގެ އެމްޑީގެ މައްޗަށް 139 ދަޢުވާއެއް އުފުލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހެޔޮ އަގުގައި ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ޓެކުމުގެ 139 ދަޢުވާއެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް މި ދަޢުވާތައް އުފުލާފައިވަނީ އިއްޔެ ކަމަށެވެ. އަދި މި ދަޢުވާތައް ކޯޓަށް ހުށަހަޅާފައިވަނީ ގެއްލުން ލިބުނު ކޮންމެ މީހެއްގެ ބައި ވަކިވަކިން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާ އާއި 212 ވަނަ މާއްދާއާ ޙަވާލާދީ ޓެކުމުގެ ކުށުގެ ދަށުންނެވެ.

ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން އާތިފް ވަނީ ސައިކަލު ގެނެސްދޭނެ ކަމުގެ ދަޅަދައްކައިގެން އާންމުންގެ އަތުން ފައިސާ ނަގާފައެވެ. ނަމަވެސް އެ ފަރާތްތަކަށް ސައިކަލު ހޯދައިދިނުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ނުކޮށް، އެ ފައިސާ އަމިއްލަ އެހެން ކަންކަމަށް އޭނާ ވަނީ ބޭނުންކޮށްފައެވެ. އަދި އަތުލި އެއްވެސް ފައިސާއެއް އެ މީހުންނަށް އަނބުރާ ރައްދުކޮށްދީފައެއް ނުވެއެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، އާތިފްގެ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާތަކެއް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް އެންމެ މަދުވެގެން ވެސް 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މީގެއިތުރުން، ގެއްލުން ލިބުނު މީހުންގެ ޙައްޤުގައި، ބަދަލުގެ ގޮތުގައި ޖުމްލަ 6.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަތުން ނަގައިދިނުމަށް ވެސް ދަޢުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު އިތުރު 11 މީހެއްގެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް ފުލުހުންނަށް މިހާރު ލަފާދީފައިވާ ކަމަށާއި، އެ ތަޙުޤީޤު ނިމުމުން އެ ބައިތަކުގައި ވެސް ދަޢުވާ ކުރުމާމެދު ވަކިން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.

ޓެގް

ޕީޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.