ސްރީލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ސުޕަކަޕް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި، ސާފުގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުޓްސަލް ޓީމުގެ އަގުވަޒަންކުރުން ކުރިއަށް އޮތް އެފްއޭއެމް ނައިޓުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއަށް ރީތި ނަމާއި ބޮޑު ކާމިޔާބީތަކެއް ހޯދައިދީފައިވާ މި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ސާބަހާއި ޝަރަފު އަރުވައި އަގުވަޒަންކުރުމަކީ އެފްއޭއެމްއިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
މި ޙަފްލާގައި ސުޕަކަޕް އަދި ސާފް ފުޓްސަލް މުބާރާތުގައި ވާދަކޮށް ތަށި އުފުލާލި ދެ ޓީމުގެ ކުޅުންތެރިންނަށާއި، ކޯޗިން ސްޓާފުންގެ އިތުރުން ޓީމުގެ އޮފިޝަލުންނަށް ޚާއްޞަ ހަނދާނީ ޓޯކަންއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްއިން ފާހަގަކުރި ގޮތުގައި، ދިވެހި ކުޅިވަރަށް، ޚާއްޞަކޮށް ފުޓްބޯޅައާއި ފުޓްސަލްއަށް މި ދެ ޓީމުން ހޯދައިދިން ތާރީޚީ ކާމިޔާބީއަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ބޮޑު ކާމިޔާބީއެކެވެ.
އަދި އެފްއޭއެމްގެ އަމާޒަކީ މިފަދަ ކާމިޔާބީތައް ފާހަގަކޮށް އާކުރުމާއި، މުސްތަޤުބަލުގައި އިތުރު ކާމިޔާބީތަކާ ހަމައަށް ދިއުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...