ބަޔަރ ލިވަރކުސެންގެ ކޯޗަކަށް ޒެބީ އަލޮންސޯ ހަމަޖައްސައިފި
ޖެރާޑޯ ސީއޯނޭގެ ބަދަލުގައި ބަޔަރ ލިވަރކުސެންގެ ކޯޗުކަމަށް ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބަޔާރން މިޔުނިކްގެ ކުރީގެ މިޑްފީލްޑަރު ޒެބީ އަލޮންސޯ ހަމަޖައްސައިފިއެވެ.
ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ކުރިން ހުރި އަލޮންސޯ ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ލިބަރކުސެންގެ ކޯޗުކަމުގައި ހުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އުމުރުން 40 އަހަރުގެ އަލޮންސޯ ބުނެފައި ވަނީ، އޭނާ ޖަރުމަނުގައި ހޭދަކުރި ދުވަސްވަރުން ފެށިގެން ލިވަރކުސެން ދަންނަނީ ވަރަށް މޮޅު ކްލަބެއްގެ ގޮތުގައި ކަމަށެވެ.
މިވަގުތު ކުލަބް އުދަގު ހާލަތެއްގައި އޮތް ނަމަވެސ،ް އަދިވެސް އުސޫލެއްގެ ގޮތުން އުއްމީދީ ލަނޑުދަނޑިތަކެއް ހާސިލުކުރަމުން އަންނަ ކުލަބެއގެ ގޮތުގައި ލެވަރކުސެން ސިފަކުރާކަމަށް އަލޮންސޯ ބުނެފައި ވެއެވެ.
މިދިޔަ ސީޒަން ނިމުމުން ރެއާލް ސޮސިއެޑާޑް ދޫކޮށް ދިޔަ އަލޮންސޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ބަޔާރންއާއެކު ތިން ފަހަރު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ވެސް ސްޕެއިން އާއިއެކު ހޯދާފައިވާއިރު، 2010 ވަނަ އަހަރު އެ ޓީމާއިއެކު ވޯލްޑް ކަޕް ވެސް އަލޮންސޯވަނީ ކާމިޔާބުކޮށްފައެވެ.
ސެއޯނޭ މަގާމުން ވަކިކުރި އިރު ކުލަބް އޮތީ މި ސީޒަނުގައި އެންމެ މެޗަކުން މޮޅުވެ، ތާވަލުގެ ދެވަނައަށް އެންމެ ފުލުގައެެވެ.



