ކުޅިވަރު

ލަންދޫގައި އެންމެފަހުން ފުޓްބޯޅަ މެޗެއް ކުޅެވުނު ދުވަސް އެނގޭތަ؟

ނ.ލަންދޫއަކީ ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅެމުން އަންނަ ފުޓްބޯޅައިގެ ރަށަކަށް ވީނަމަވެސް ލަންދޫގެ ފަސްގަނޑުގައި ފުޓްބޯޅަ މެޗެއް ނުކުޅެވޭތާ މިވަނީ އަހަރުތަކެއް ވެގެން ގޮސްފައެވެ.  2018 ވަނަ އަހަރުގެ  ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހަށް ފަހު މިއަދާއި ހިސާބަށް ލަންދޫގައި ފުޓްބޯޅަ މެޗެއް ކުޅެވިފައެއް ނުވެއެވެ. އަދި 19 ނޮވެމްބަރ 2018 އިން ފެށިގެން 13 ޖެނުއަރީ 2021 އާއި ހަމައަށް ލަންދޫގެ ފުޓްބޯޅަ ޓީމުވެސް ފުޓްބޯޅަ މެޗެއް ކުޅެފައެއް ނުވެއެވެ.

ލަންދޫގެ ފަސްގަނޑުގައި އެންމެފަހުން ކުޅެވުނު ފުޓްބޯޅަމެޗަކީ އެދުވަސްވަރު މުޅިރާއްޖޭގައި ބޭއްވުނު އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތުގެ ގޮތުގައިފާހަގަ ކުރެވުނު ސިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެކެވެ. އެމެޗުގައި ލަންދޫ ޓިމާއި ދެކޮޅަށް ކުޅެފައިވަނީ މާފަރުގެ ފުޓްބޯޅަ ޓީމެވެ. މިމެޗު 3 ލަނޑު 2 ލަނޑުން ލަންދޫގެ ފުޓްބޯޅަ ޓީމު ކާމިޔާބު ކޮށްފައިވާ އިރު ލަންދޫގެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ސަންމޫނު އާއި ކެޕްޓަން ޖަވާ އާއި އަދި ޝިނާނުއެވެ.

ލަންދޫއަކީ 19 ނޮވެމްބާރ 2018 އާއި ހަމައަށް ކޮންމެ އަހަރެއްގައިވެސް އެކުވެރިކަމުގެ އެތައްބައިވަރު ފުޓްބޯޅަ މެޗްތަކެއް ކުޅެވުނު ރަށެއް ނަމަވެސް ފާއިތުވެގެން މިދިޔަ ދެތިން އަހަރެއް މިދިޔައީ އެއްވެސް މެޗެއް ނުކުޅެވިއެވެ. އޭގެ ކުރިން އެވެރެޖުކޮށް ލަންދޫގައި އަހަރެއްގެ މައްޗަށް 12 ވަރަކަށް ފުޓްބޯޅަ މެޗު ކުޅެވިފައެވެ. މި ޒަމާނަށް ފެތޭ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނަޑެއް ނެތުމުގެ ސަބަބުން މި ވޭތުވެދިޔަ ދިގު މުއްދަތުގައި ލަންދޫގައި ފުޓްބޯޅަ މެޗެއް ކުޅެވިފައި ނުވިނަމަވެސް ފުޓްސެލް މެޗްތައް ވަނީ ގިނަ އަދަދަކަށް ކުޅެވިފައެވެ.

އެންމެފަހުން ބޭއްވުނު ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި  19 ޑިސެމްބަރ 2018 ގައި ކުޑަފަރީގެ ފުޓްބޯޅަ ޓީމާއި ކުޅުނު ފަހުން ލަންދޫގެ ފުޓްބޯޅަ ޓީމް މެޗެއް ކުޅެފައިވަނީ މިމަހުގެ 13  ވަނަ ދުވަހު ކެނދިކުޅުދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށެވެ. މިމެޗު 13 ލަނޑު 2 ލަނޑުން ލަންދޫޓީމު ބެލިވެފައިވާއިރު 20 ޖެނުއަރީ 2021 ގައި ލަންދޫގެ ފުޓްބޯޅަ ޓީމުވަނީ މާޅެންދޫގެ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުޅެ 5 ލަނޑު 1 ލަނޑުން ބަލިވެފައެވެ. 

ދިގު މެދު ކެނޑުމަކަށްފަހު ލަންދޫގެ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ ދެ މެޗުވެސް ކުޅެފައިވަނީ ކެނދިކުޅުދޫގައި ހަދާފައިވާ ޓާރފް އެޅި ދަނޑުގައެވެ.  ލަންދޫގެ ގިނަ ރައްޔިތުންގެ އުންމީދަކީ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ހެދެންދެންވެސް މީގެ ކުރިންވެސް ލަންދޫގައި އަހަރަކު އެތަށް ފުޓްބޯޅަ މެޗުތަކެއް ކުޅެވުނު ފަދައިން މިހާރުވެސް ގިނަ މެޗްތަކެއް ކުޅެވެމުން ދިއުމެވެ. އަދި ކުރިއެކޭ އެއްފަދައިން ލަންދޫއަކީ ފުޓްބޯޅައިގައި ކާމިޔާބު ހޯދާ ރަށަކަށް ވެގެން ދިއުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close