އިއްޔެގެ މެޗާއެކު ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ޓީމް ލަންދޫ ޖެހިލައިފި
މިހާރު ނ.ކެނިކުޅުދޫގައި ކުރިއަށްދާ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ، ސިޔާމް – މަޢުރޫފް ސޮކަރ ކަޕްގެ 10 ވަނަ މެޗްގައި ޓީމް ލަންދޫ އާއި، އެފްސީ މާފަރު ބައްދަލުކޮށް 1-1 ގެނަތީޖާއަކުން އިއްޔެގެ މެޗް ނިމިފައި ވާއިރު ޓީމްލަންދޫ ހިމެނޭ ގުރޫޕް ބީ ގެ އެއްވަނައަށް 4 ޕޮއިންޓާއެކު އެޓީމް ޖެހިލައިފިއެވެ.
މިގުރޫޕްގެ ދެވަނައިގައި މިހާރުއޮތީ 3 ޕޮއިންޓާއެކު ހޮޅުދޫ އެފްސީއެވެ. އެޓީމުން ކުޅެފައިވަނީ އަދި އެންމެ މެޗެކެވެ. އެފްސީ މާފަރު އޮތީ އެންމެ ޕޮއިންޓަކާއެކު މިގުރޫޕްގެ 4 ވަނައިގައެވެ.
އެފްސީ މާފާރާއި، ޓީމް ލަންދޫ އިއްޔެ ކުޅުނު މެޗްގައި ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މެޗްގެކޯންޓްރޯލް ނަގަމުން މޮޅަށް ކުޅެފައިވަނީ ޓީމްލަންދޫއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގައި ގޯލްޖަހާނެ ގިނަފުރުޞަތުތަކެއް ޓިމްލަންދޫން ތަނަވަސްކޮށްފައިވެއެވެ. ނަމަވެސް ފުރަތަމަ ހާފް ނިންމާލި އިރު ދެޓީމުންކުރެ އެއްޓީމަކަށްވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފަށް ދެޓީމުންވެސް ނުކުތީ ކުދިކުދި ބަދަލުތަކާއެކު އެވެ. މިމެޗްގައި ފެނުނު ދެ ގޯލްވެސް ފެނިގެންދިޔައީ މެޗްގެ ދެވަނަ ހާފްގައެވެ. ފުރަތަމަ ގޯލް ޓީމްލަންދޫ އަށް ކާމިޔާބުކޮށްދިނީ މެޗްގެ 80 ވަނަމިނިޓްގައި ޓީމްލަންދޫގެ ހަލުވި ފޯވާޑް ޖަރޒީނަމްބަރ 23 ހުސެއިން ޖަވާދެވެ. ދެވަނަ ގޯލް އެފްސީ މާފަރުން އޭގެ 9 މިނިޓްފަހުން ނެގިކޯނަރަކުން ކާމިޔާކޮށްފައިވާއިރު އެގޯލް އެފްސީ މާފަރަށް ޖަހައިދިނީ އެޓީމްގެ މަޝްހޫރު ފޯވާޑް ޖަރޒީ ނަމްބަރ 13 އަޙްމަދު ޙަބީބެވެ.
ޓީމް ލަންދޫއިން ފުރަތަމަ ގޯލް ޖެހުމުން އެފްސީ މާފަރުގެ ކުޅުން ވަރުގަދަކުރިތަން ފެނިގެން މިމެޗްގައި ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަހަތުން އަރާ މިމެޗްގެ ސްކޯރ އެޓީމުންވަނީ އެއްވަރު ކޮށްފައެވެ.
ފަހު ހާފްގައި ޓީމްލަންދޫގެ އެއްނަމްބަރ ގޯލްކީޕަރު ޝާރިފަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާގެ ބަދަލު އެޓީމުގެ ދެނަމްބަރު ގޯލްކީޕަރ އަޙްމަދު ޝަކީލު ކުޅެންއެރިތަން ފެނިގެން ދިޔައެވެ. ޝަކީލް އިއްޔެގެ މެޗްގައި ފެނިގެން ރަނގަޅު ކުޅުމެއް ދެއްކިއިރު މިމުބާރާތުގައި އޭނާ އެއީ ކުޅެންއެރި ފުރަތަމަ ފަހަރެވެ.

އިއްޔެގެ މެޗްގެ މޭން އޮފްދަ މެޗްގެ އިނާމް ދެއްވީ އެ މެޗްގެ ޝަރަފްވެރި މެހްމާން ނ.އަތޮޅުކައުންސިލްގެ ރައީސް އްލްފާޟިލް ޢަލީ ޒާފިރެވެ. މޭންއޮފްދަ މެޗަކަށް ހޮވުނީ ޓީމް ލަންދޫގެ ޖަރޒީނަމްބަރ 69 އަޙްމަދު އަފްސަލް އެވެ.
މި މުބާރާތުގެ 11 ވަނަމެޗް މިއަދު ކުޅޭނެއެވެ. މި މެޗްގައި ބައްދަލުކުރާނީ ކެނދިކުޅޫދޫ އެފްސީ އާއި، މަނަދޫ އެފްޓީއެވެ.




މަރުޙަބާ ލަންދޫ ޓީމު