ސަލާމަތީ ސަބަބުތަކަށްޓަކައި ‘ފައިނަލިސިމާ’ މެޗު ގަތަރުގައި ނުބާއްވާ އެމެރިކާއަށް ބަދަލުކުރަނީ

ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ބައްދަލުކުރާ “ފައިނަލިސިމާ” މެޗު މި މަހު 27 ގައި ގަތަރުގެ ދޯހާގައި ކުޅެން އޮތް ނަމަވެސް، އެ މެޗު ފަސްކުރުމަށް ނިންމާފިއެވެ.
މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށްފައެވެ.
މި މެޗު ދެން ބާއްވާނެ ވަކި ތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، މިހާރު އެންމެ ބޮޑަށް ބެލެވެނީ މި އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެމެރިކާގެ މިއާމީގައި މި މެޗު ކުޅޭނެ ކަމަށެވެ. ކަނޑައެޅިފައިވާ ތާރީހުގައި އެމެރިކާގައި މި މެޗު ބޭއްވޭތޯ ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
“ފައިނަލިސިމާ” އަކީ ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ތާރީހީ މެޗެކެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި މި މެޗުގައި އިޓަލީ ބަލިކޮށް ތަށި އުފުލާލީ އާޖެންޓީނާއެވެ. މިއީ މި މުބާރާތް ބޭއްވޭ ހަތަރުވަނަ ފަހަރު ކަމަށްވާއިރު، މީގެ ކުރިން ފްރާންސާއި އާޖެންޓީނާ ވެސް ވަނީ މި ތަށި ކާމިޔާބުކޮށްފައެވެ.
