ރޮނަލްޑޯގެ ގޯލުން ފަހަތުން އަރާ މެންޗެސްޓާރ މޮޅުވެއްޖެ
މިހާރު ކުރިއަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭކުޅެވުނު މެޗުގައި އިޓަލީގެ އެޓަލަންޓާ އިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ޖެހި ލަނޑުތަކުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރޭގެ މި މެޗުގައިވެސް ޔުނައިޓެޑްގެ ތަރިއަކަށްވީ މިފަހަރުގެ ޓްރާންސްފާގައި އެޓިމާއި ދެވަނަ ފަހަރަށް ގުޅުނު ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޭގެ މެޗު ނިމެން 9 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ޓިމު މޮޅުކޮށްދިން މުޙިއްމު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އޭނާއެވެ. އަދި މި މެޗަކީ އޭނާ ޔުނައިޓެޑަށް ކުޅެދިން 300 ވަނަ މެޗުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓަލަންޓާ އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 15 ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗްއެވެ. އެޓީމުގެ ދެވަނަ ލަނޑު މމެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެރިހް ޑެމީރާލް އެވެ.
ޔުނައިޓެޑްގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ކާމިޔާބިކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ މެގުއާއެވެ.
ރޭގެ މި މޮޅާ އެކު މެންޗެސްޓާރ ޔުނައިޓެޑް އޮތީ ގުރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި އެޓަލާންޓާ އޮތީ ހަތަރު ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި އޮތް ވިޔަރެއާލަށް ވެސް ހަތަރު ޕޮއިންޓް ލިބޭއިރު އެޓީމު ވަނީ ރަށުން ބޭރުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއީޒް 4-1 އިން ބަލި ކޮށްފަ އެވެ..


