ޚަބަރުކުޅިވަރު

ކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ މެންޗެސްޓާ ސިޓީ ދޫކޮށްލީ ހަކަތަ ނެތުމުން

މެންޗެސްޓާ ސިޓީއާއެކު ހޭދަކުރި ކާމިޔާބު 10 އަހަރަށްފަހު، އެ ކްލަބުގެ ކޯޗުކަން ދޫކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ކްލަބް ކާމިޔާބީގެ މަގުގައި ދެމެހެއްޓުމަށް ބޭނުންވާ ހަކަތަ އޭނާގެ ކިބައިގައި ނެތުމުން ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އުމުރުން 55 އަހަރުގެ ގާޑިއޯލާ ބުނީ، މިހާރު ކްލަބަށް ބޭނުންވަނީ “އައު ހަކަތައެއް” ކަމަށާއި، ކުޅުންތެރިންގެ ކުރިމަތީގައި އައު މޫނެއް ހުރުން މުހިއްމު ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.

ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުން އޭނާ ވަނީ އެ ކްލަބަށް ޖުމްލަ 17 ބޮޑު މުބާރާތުގެ ތަށި ހޯދައިދީފައެވެ. އޭގެ ތެރޭގައި ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން، ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުން ހިމެނެއެވެ. އަދި އެއް ސީޒަނެއްގައި ތިން ތަށި ހޯދައިގެން “ޓްރެބަލް” ކާމިޔާބުކުރުމަކީވެސް އޭނާގެ އިރުޝާދުގެ ދަށުން ސިޓީން ހޯދި ބޮޑު ކާމިޔާބީއެކެވެ.

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ގާޑިއޯލާ މަގާމުން ވަކިވިއިރު، އޭނާގެ ފަހު މެޗުގައި ސިޓީ ވަނީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ގާޑިއޯލާގެ ބަދަލުގައި ސިޓީގެ ކޯޗުކަމާ ދެން ހަވާލުވާނީ ކުރިން އޭނާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އިޓަލީގެ އެންޒޯ މަރެސްކާއެވެ. ގާޑިއޯލާ ވަނީ އޭނާގެ ދިހަ އަހަރުގެ ދަތުރުގައި ކްލަބަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close