ކުޅިވަރު

ސިޔާމް – މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކެނދިކުޅުދޫ ހޯދައިފި

ސިޔާމް – މައުރޫފް ސޮކާ ކަޕް ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކެނދިކުޅުދޫ ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކަމަށްވާ ކެނދިކުޅުދޫ ހޯދާފައިވަނީ އިއްޔެ ހަވީރު ކުޅުނު ފައިނަލްމެޗުގައި ހޮޅުދޫ އަތުން 2-0 އިން މޮޅުވެގެންނެވެ. ހޮޅުދޫވަނީ މިމުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު ހޯދާފައެވެ.

ފުރަތަމަ ހާފާއި ދެވަނަ ހާފްގެ ކުރީކޮޅު ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ކެނދިކުޅުދޫން ލީޑު ނެގީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. އަލީ ބުޝްރީ ކުރިއަށް ފޮނުވާލި ހިލޭ ޖެހުން ހޮޅުދޫގެ ގޯލްކީޕަރު އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ، ގޯލަށް ވަނީ ކެނދިކުޅުދޫގެ މުހައްމަދު އިޝާން ފައިގައި ޖެހިފަ އެވެ. ކެނދިކުޅުދޫން މެޗުގައި ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގަ އެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ހަސަން މިފްރާހު އެވެ.

މެޗު ނިމެން ކައިރި ވެފައިވަނިކޮށް ކެނދިކުޅުދޫގެ އަލީ ބުޝްރީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެނދިކުޅުދޫގެ ކެޕްޓަން މުހައްމަދު އައްޒާމް އެވެ.

މުބާރާތުގެ ރަނަރއަޕް ހޮޅުދޫ އެފްސީ

މެޗަށްފަހު ކެނދިކުޅުދޫގެ ކޯޗު އަހުމަދު ނިޔާޒް ބުނީ މުބާރާތާ ކުރިމަތިލީ ޗެމްޕިއަންކަން ލިބޭނެކަމުގެ ޔަގީންކަމާއެކު ކަމަށާއި، މުބާރާތް ކާމިޔާބުކުރެވުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. ހޮޅުދޫ ޓީމުގެ ކޯޗު ބުނީ ފައިނަލް މެޗުގައި ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، މިއަދުގެ މެޗުގައި ނަސީބު އެހީ ނުވި ކަމަށެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ކެނދިކުޅުދޫގެ ޒުވާން ގޯލްކީޕަރު މުހައްމަދު މައީޝް ހޮވުނުއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ހޮޅުދޫގެ މުހައްމަދު ފާރިޝް އެވެ. އޭނާ ވަނީ މުބާރާތުގައި 5 ގޯލް ޖަހާފަ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހެނބަދޫ ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 6 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އަދި އެންމެ ރަނގަޅަށް ސަޕޯޓްކުރި ރަށަކަށް ވަނީ ދިހަހާސްރުފިޔާ ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close