ކުޅިވަރު

ހަތަރުމެޗުން މޮޅެއް ނުލިބި ސިޓީ ހަތަރުވަނައަށް

އިންގުލިޝް ޕްރިމިއާރ ލީގުގައި ރޭ އެސްޓަން ވިލާގެ ދަނޑުގައި އެސްޓަން ވިލާ އާއި ބައްދަލުކޮށް  1-0 އިން މެންޗެސްޓަ ސިޓީ ބަލިވެ އެންމެފަހުން ކުޅުނު 4 މެޗުންވެސް މޮޅެއް ނުހޯދި ތާވަލުގެ 4 ވަނައަށް ވެއްޓިއްޖެއެވެ.

މިއީ ވޭތުވެ ދިޔަ ތިން ސީޒަނުގައިވެސް  އިންގުލިޝް ޕްރިމިއާރ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީއަށް ކުރިމަތިވި ވަރަށް ބޮޑު ކޮންޖެހުމަކަށް ވެގެންދާނެއެވެ. އަދި މިއީ މެންޗެސްޓާރ ސިޓީގެ ކާމިޔާބު  ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓަ ސިޓީން މިހާތަނަށް ތަޖުރިބާ ކުރަން ޖެހިފައިވާ ކަމެއްވެސް ނޫނެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑު ވިލާ ޕާކުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު އެސްޓަން ވިލާ އަށް ޖަހައި ދިނީ ލިއޯން ބޭލީ އެވެ. މެޗުގެ 74 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޔޫރީ ޓެލެމަންސް ތަނަވަސްކޮށް ދިން ފުރުޞަތަކުންނެވެ. ރޭގެ މެޗުގައި އެސްޓަން ވިލާއިން މެން ސިޓީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައިވާއިރު ސިޓީއަށް ވިލާގެ ގޯލަށް ފޮނުވާލެވިފައިވަނީ ވަރަށް މަދު ހަމަލާއެކެވެ.

އިންގުލިޝް ޕްރިމިއާރ ލީގުގައި ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާއިރު ޝެފީލްޑް ޔުނައިޓެޑް އަތުން ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފައެވެ. އަދި  ޗެލްސީ އާއި ބައްދަލުކޮށް މެންޗެސްޓަ ޔުނައިޓެޑް ވަނީ  2-1 ން މޮޅުވެފައެވެ.

ރޭގެމެޗުތަކާއި އަދި ކުރީ ރޭ ކުޅެވުނު މެޗުތަކަށްފަހު މިހާރު ލީގުގެ ތާވަލަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން 15 މެޗު ކުޅެގެން ތާވަލުގެ 1 ވަނާގައި އާސެނަލް އޮތީ 36 ޕޮއިންޓާއި އެކުގައެވެ. 15 މެޗުން 35 ޕޮއިންޓާއި އެކު 2 ވަނާގައި ލިވަޕޫލް އޮތްއިރު ރޭ ސިޓީއަތުން މޮޅުވި އެސްޓަން ވިލާ ވަނީ 15 މެޗުން 32 ޕޮއިންޓް ހޯދާގެން 3 ވަނައަށް ޖެހިލައިފައެވެ. ސިޓީ 30 ޕޮއިންޓާއި އެކު  4 ވަނާގައި އޮތް އިރު 5 ވަނާގައި ވަނީ 27 ޕޮއިންޓާއިއެކު ޓޮޓެންހަމް އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close