މެސީ އާއި ރޮނާލްޑޯ 2026 ގެ ވޯލްޑް ކަޕާއެކު ތާރީޚީ ރެކޯޑަކަށް ފައިތިލަސާބިތުކުރަނީ

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއެކު ފުޓްބޯޅައިގެ ތާރީޚުގައި މުޅިން އާ ރެކޯޑެއް ގާއިމުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އާޖެންޓީނާ އަދި ޕޯޗުގަލްގެ ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާ މި ދެ ކުޅުންތެރިންވެސް އަންނަ އަހަރުގެ މުބާރާތުން ފެންނާނެ ކަމަށް ބެލެވޭއިރު، މިއީ އެއިން ކޮންމެ ކުޅުންތެރިއަކު ވެސް ވާދަކުރާ 6 ވަނަ ވޯލްޑް ކަޕަށް ވެގެންދާނެއެވެ. މިއީ މީގެ ކުރިން ދުނިޔޭގެ އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކަށް ހާސިލުކުރެވިފައިވާ ޝަރަފެއް ނޫނެވެ.
މި ތާރީޚީ ލިސްޓުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންދަނީ ހަމައެކަނި މެސީ އާއި ރޮނާލްޑޯއެއް ނޫނެވެ. މެކްސިކޯގެ ތަޖުރިބާކާރު ގޯލްކީޕަރު ގިއާމޯ އޮޗޯއާ ވެސް އަންނަނީ އޭނާގެ ގައުމީ ޓީމާއެކު މި މުބާރާތުން ފުރުސަތު ހޯދުމަށް ރާވަމުންނެވެ. އެހެންކަމުން މެސީ އާއި ރޮނާލްޑޯއާ އެކު އޮޗޯއާ ވެސް ވެގެންދާނީ 6 ވޯލްޑް ކަޕެއްގައި ވާދަކުރާ ފުރަތަމަ ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.
މިހާތަނަށް ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި އޮތީ އެންމެ ގިނަވެގެން 5 ވޯލްޑް ކަޕް މުބާރާތެއްގައި ކުޅުމެވެ. މިހާރު މި ރެކޯޑު ހިއްސާކުރާ ކުޅުންތެރިންގެ ތެރޭގައި މެސީ، ރޮނާލްޑޯ އަދި އޮޗޯއާގެ އިތުރުން މެކްސިކޯގެ ލެޖެންޑުން ކަމަށްވާ އެންޓޯނިއޯ ކަރްބަހާލް، ރަފައެލް މާކޭޒް އަދި އަންދްރޭސް ގުއަޑްރާޑޯ ހިމެނެއެވެ. މީގެ އިތުރުން ޖަރުމަނުގެ ލޮތާ މަތިއަސް އާއި އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ވެސް ވަނީ 5 ވޯލްޑް ކަޕް ފުރިހަމަކޮށްފައެވެ.
މެސީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް 2006 ވަނަ އަހަރު ކުޅެފައިވާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގެ ތަށި އާޖެންޓީނާއަށް ހޯދައިދީ، އޭނާއަކީ ފުޓްބޯޅަ ތާރީޚުދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ މަގާމު ވަނީ ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން، ޕޯޗުގަލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރި ރޮނާލްޑޯ، އުމުރުން 40 އަހަރުން މަތިވެފައިވީ ނަމަވެސް، އަދިވެސް އަންނަނީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރު އާ އުސްމިންތަކަކަށް ގެންދަމުންނެވެ.
މެކްސިކޯގެ އެންމެ ފާހަގަކޮށްލެވޭ އެއް ކީޕަރު ކަމަށްވާ އޮޗޯއާ ވަނީ 2026 ގެ ވޯލްޑް ކަޕަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރަން ގަސްދުކުރާކަން ހާމަކޮށްފައެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އޭނާގެ ކެރިއަރުގެ ވަރަށް ފުރިހަމަ ނިންމުމަކަށެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި ތިން ކުޅުންތެރިން ފެނިއްޖެނަމަ، މިއީ ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ފަދަ ބޮޑު ރެކޯޑަކަށް ވެގެންދާނެއެވެ.



