އޮސްޓްރިއާ ބަލިކޮށް ނެދަލެންޑްސް ދެވަނަ ބުރަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްއިން ކުޅުނު ދެވަނަ މެޗުގައި އޮސްޓްރިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި ޔޫކްރޭން އަތުން މޮޅުވެފައި ވުމުން ރޭގެ މި މެޗުން މޮޅެއް ހޯދައިގެން ދެވަނަ ބުރަށް ދެވޭނެކަން ކަށަވަރުވެފައި ވުމުން ރޭގެ މެޗުގައި ނެދަލޭންޑްސްއިން މޮޅުކުޅުމެއް ފެނިގެން ދިޔައިރު ޔޫރޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ ހޮނިހިރު ދުވަހު މޮޅެއް ހޯދާފައިވާ އޮސްޓްރިއާއަށް ނެދަލެންޑްސް ކުރިމަތީގައި މާބޮޑު ގަދަކަމެއް ދެއްކޭގޮތެއް ނުވިއެވެ.
ޔޯހަން ކްރައިފް އެރީނާގައި ރޭ ދަންވަރު ކުޅެވުނު މި މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން މި މުބާރާތުގައި އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންފިސް ޑިޕާއީ އެވެ. އަދި މެޗުގައި ނެދަލެންޑްސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮންޔެލް މާލިން މުޅިން ހުސްކޮށްލައިފައި ދިން ބޯލައަކުން ޑަމްފްރީސްއެވެ. މިއީ ނެދަލެންޑްސް ގައުމީ ޓީމަށް ޖެހިޖެހިގެން ދެ މެޗުގައި ޑަމްފްރީސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މި ޔޫރޯފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުން ޔޫކްރެއިން އަތުން ނެދަލެންޑްސް މޮޅުކޮށްދިން ގޯލުވެސް ޖެހީ ޑަމްފްރީސް އެވެ
މިފަހަރުގެ ޔޫރޯފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ މިހާތަނަށް ނެދަލެންޑްސް އާއިއެކު 3 ޓީމަކުން މިވަނީ ކަށަވަރުކޮށްފައެވެ. ދެން ގަދަ 16 އިން ޖާގަ ހޯދާފައިވަނީ އިޓަލީ އާއި ބެލްޖިއަމެވެ.


